ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުގެ ސަބަބުން ސިފައިންގެ އެގައުމުގެ އެންމެ އިސްވެރިޔާ، ފީލްޑް މާޝަލް ޖެނެރަލް އާސިމް މުނީރަށް އާދަޔާ ޚިލާފް ބާރުތަކަކާއި، އުމުރު ދުވަހަށް ކުށުން ބަރީއަ ވުމުގެ ހައްގު ލިބިގެން ގޮސްފައި ވެއެވެ. ސިޔާސީ މާހިރުންނާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގާނޫނުއަސާސީއަށް ގެނައި 27 ވަނަ އިސްލާޙުގެ މުހިންމު ކަންތައްތަކުގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސަސް (ސީޑީއެފް) ގެ އާ މަޤާމެއް އުފައްދާފައި ވެއެވެ. އަދި އާސިމް މުނީރު ވަނީ މި މަޤާމަށް ހަމަޖައްސާފައެވެ. ސިފައިންގެ ތިން ބާރު ކަމަށްވާ ފައުޖާއި، ނޭވީ އަދި އެއަރ ފޯސްގެ ކޮމާންޑް އެއް އޮފީހެއްގެ ދަށަށް ގެނެސް، މި މަޤާމުގެ ދަށުން އާސިމް މުނީރުގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަ ކޮށްފައިވެއެވެ. މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން އާސިމް މުނީރަށް ދާއިމީ ގޮތަށް ރޭންކު ހަމަޖެހި، އިމްތިޔާޒުތައް ލިބިގެން ގޮސްފައި ވެއެވެ. އަދި އުމުރު ދުވަހަށް އޭނާއާ ދެކޮޅަށް ދަޢުވާ އެއް ނުކުރެވޭނެއެވެ. އަދި ގާނޫނީ ރައްކާތެރިކަން ލިބިގެންދާނެއެވެ. މިއީ ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
އޭގެ އިތުރުން ޤާނޫނުއަސާސީއާ ގުޅުންހުރި މައްސަލަތައް ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެ މައްސަލަތައް ބެލުމަށް ކޮންސްޓިޓިއުޝަނަލް ކޯޓެއް އުފައްދާފައި ވެއެވެ. މި ކޯޓުގެ ފަނޑިޔާރުން އައްޔަން ކޯށްފައި ވަނީ ރައީސް އޮފީހުންނެވެ. މީގެ އިތުރުން، ޕްރޮވިންސްތަކުގެ މާލީ މިނިވަންކަން ކުޑަ ކޮށްފައި ވެއެވެ. އަދި، ޕްރޮވިންސްތަކަށް އާމްދަނީ ބަހާ އުޞޫލުތަކަށް ބަދަލު ގެނެސްފައިވެއެވެ. މިކަމުގެ ސަބަބުން ބަލޫޗިސްތާނާއި ސިންދު ފަދަ ސަރަޙައްދުތަކުގައި ހިތްހަމަނުޖެހުން އިތުރުވެގެން ގޮސްފައި ވެއެވެ.
ސިޔާސީ މުހައްލިލުންނާއި މީޑިއާއިން އިންޒާރު ދެމުންދަނީ، މި އިސްލާޙުގެ ސަބަބުން ޕާކިސްތާނުގެ ބާރުތައް ވަކިކުރުމުގެ ޗެކްސް އެންޑް ބެލެންސްގެ ނިޒާމުގެ އަސާސް ގުޑާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ސަރުކާރު ހިންގުމުގެ ތެރެއަށް ސިފައިންގެ ނުފޫޒު އިތުރަށް ވަދެ، އިސްލާޙީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިވެގެންދާނެ ކަމަށެވެ. އަދި ނިއުކްލިއަރ ކޮމާންޑް އެއް އޮފީހެއްގެ ދަށަށް ގެނައުމުން، ކާރިސާތައް މެނޭޖުކުރުމުގައި އޮޅުން ބޮޑުވާނެ ކަމަށްވެސް ބުނެއެވެ. އަދި ޚާރިޖީ ސިޔާސަތުތަކުގައި އަދި ބާރުތައް ބޭނުންކުރުމުގައި ހަރުކަށި ކަމެއް އުފެދިދާނެ ކަމަށްވެސް އިންޒާރު ކުރެއެވެ.
މި އިސްލާޙު ތަކާއެކު ސަރަހައްދި ނުތަނަވަސްކަމެއްވެސް ވެރިވެއެވެ. އެގޮތުން އަވަށްޓެރި ޤައުމުތަކަށާއި އެ ގައުމުތަކުގެ ގުޅުމަށް މިއިން އަސަރު ކުރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި އާސިމް މުނީރުގެ އިންޑިއާއާ ދެކޮޅު ސިޔާސަތުގެ ސަބަބުން، ސަރަޙައްދީ ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ބިރުވެސް ފާޅު ކުރެއެވެ. އަދި ޗައިނާއިން ޕާކިސްތާނުގެ އަސްކަރީ މުއައްސަސާއަށާއި ޕާކިސްތާންގެ އިޤްތިޞާދީ އޮނިގަނޑަށް އަދި، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯފަދަ މަޝްރޫޢުތަކަށް އެހީތެރިކަން ދޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެމރިކާއާ ޕާކިސްތާނުން އާދަޔާ ޚިލާފަށް ގާތްވަމުން ދިއުމުގެ ސަބަބުން ޗައިނާ ހައްސާސްވެނާ ކަމަށްވެސް ބެލެވެއެވެ.
މީގެ ކުރިން ބައެއް ގައުމުތަކަށް މިފަދަ އިސްލާޙުތައް ތައާރަފް ކޮށްފައި ވެއެވެ. އެ ގައުމުތަކުގެ ތަޖުރިބާތައްވެސް އެހާ ރަނގަޅު ކަމަކަށް ނުދައްކައެވެ.
- ޗިލީ (1973–1990) ގައި އަސްކަރީ ވެރިކަމުން ވަނީ ބާރުގަދަ ކޮށް އެމީހުން ގާނޫނަށް ވުރެން މަތީގައި ތިބި ކަމަށް ބަލައިގެން އިސްލާހުތަކަށް ހުރަސް އެޅިއެވެ.
- ޕެރޫ (1990 ގެ އަހަރުތައް): އެގްޒެކެޓިވްއާއި މިލިޓަރީ ގެ ބާރުގަދަ ވުމަށް ކޯޓުތަކުންވެސް މަގުފަހިކޮށް ދިނެވެ.
- ބްރެޒިލް (2019–2022): މަދަނީ މުއައްސަސާތައް ސިފައިންގެ މުއައްސަސާތަކަށް ބަދަލު ކުރުމުން ކަންކަން ނިންމުމުގެ މިނިވަންކަން ގެއްލިގެން ދިޔައެވެ.
- ޒެމްބިއާ (2016): ދުސްތޫރީ އިސްލާހުތަކުގެ ސަބަބުން ޝަރުއީ ދާއިރާއާއި ޕާލަމެންޓްގެ މައްޗަށް ރިޔާސީ ކޮންޓްރޯލް ފުޅާވެގެން ދިޔައެވެ.





