ޕާކިސްތާނުގެ ބަލޯޗިސްތާނުގައި ނިޒާމުން ގެއްލުވާލާފައިވާ ފަރާތެއް ކަމަށްވާ އަބްދުލް ހަމީދު ޒަހްރީގެ އާއިލާއިން ބުނަނީ އެމީހުންގެ ރައްކާތެރިކަމަށް އަލުން ނުރައްކާވެފައިވާ ކަމަށެވެ. ޒަހްރީގެ އާއިލާއަކީ ކުރިންވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އާއިލާއެކެވެ. އަދި ދެވަނަ ފަހަރަށް މިފަދަ ހާދިސާއެއް ތަޙައްމަލު ކުރުމުގެ ކެތްތެރިކަމެއް ނެތް ކަމަށް ބުނެ އެއާއިލާއިން ވަނީ އެހީއަށް ގޮވާލާފައެވެ.
ޒަހްރީ، 2021 ވަނަ އަހަރުގެ އެޕްރީލް މަހު ޕާކިސްތާންގެ އިންޓެލިޖެންސް އެޖެންސީތަކުން ވަގަށް ނެގިމީހެކެވެ. އަދި، 31 މަސްދުވަސް ވަންދެން އޭނާ ރަހީނުކޮށްފައި ބެހެއްޓިއެވެ. އެންމެފަހުން، އޭނާ ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އާއިލާއިން ބުނި ގޮތުގައި، ޒަހްރީއަށް ގިނަ އަނިޔާތައް ލިބިފައި ހުއްޓެވެ. އަދި، އޭނާ ދޫކޮށްލާފައިވަނީ "މަރުވާން ކައިރިވެފައިވާ ވަރުގެ ހާލަތެއްގައި" ކަމަށެވެ.
ޒަހްރީގެ ދަރިފުޅު، ސައީދާ ހަމީދު ބުނެފައި ވަނީ، މި ފަހަކަށް އައިސް ގިނަ ފަހަރަށް ސިވިލް ހެދުމުގައި ތިބޭ ބަޔަކު އެމީހުންގެ ގެއަށް ޒިޔާރަތްކޮށް، ޒަހްރީގެ ފޮޓޯ ހިފައިގެން އޭނާ ހުރި ތަނެއްގެ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން އާއިލާގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް ސައީދާ ބުނެއެވެ.
ސައީދާ ހަމީދު ވަނީ މިކަމުގައި ސަރުކާރުގެ އިދާރާތަކަށް ފާޑު ކިޔާފައެވެ. އަދި ސަރަހައްދީ ގާނުނު ހަދާ މަޖިލީހާއި ޝަރުޢީ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީފައިވީނަމަވެސް މ،ި މައްސަލާގެ ތަޙުގީގުތައް ނިންމުމަށް ސަރުކާރުގެ އިދާރާތައް ނުކުޅެދިފައިވާ ކަމަށް އޭނާ ބުނެއެވެ. އަދި، އޭނާ ބުނަނީ އެމީހުންގެ އާއިލާއަށް ދެވަނަ ފަހަރަށް މިފަދަ ގެއްލުމެއް ތަޙައްމަލު ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ބަލޯޗިސްތާނުގައި ކުރިން ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު ދޫކޮށްލާފައިވާ ފަރާތްތަކަށް އަދިވެސް ދުއްތުރާ ކުރުމާއި ބިރުދެއްކުންތަކާ ކުރިމަތިލާން ޖެހިފައިޥާ ކަމަށެވެ. އަދި އެއިން ބައެއް މީހުން އަލުން ހައްޔަރުކުރުމުގެ ނުރައްކާ އޮތް ކަމަށް ވެސް އިންޒާރު ދެއެވެ. ޒަހްރީގެ މައްސަލައަކީ ބަލޯޗިސްތާނުގައި ގަދަކަމުން މީހުން ގެއްލުވާލުމުގެ މައްސަލައިގެ މިސާލެކެވެ.





