6 އަހަރު ކުރިން މިފަދަ ދުވަހެއްގައި ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ކޯވިޑް އާލަމީ ވަބާއެއް ކަމަށް އިއުލާން ކުރި

މީގެ ބަރާބަރު 6 އަހަރު ކުރިން، 11 މާރިޗު 2020 ގައި، ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވަނީ ކޯވިޑް-19 އަކީ އާލަމީ ވަބާއެއް ގޮތުގައި ރަސްމީކޮށް ކަނޑައަޅުއްވާފައެވެ. ޖެނީވާގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި މިކަން އިއުލާން ކުރެއްވިއިރު، ޗައިނާއިން ބޭރުގައި ބަލި ފެތުރޭ މިންވަރު އޮތީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ ދުވަސްވަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ 114 ގައުމަކުން 118,000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ބަލި ޖެހިފައިވާކަން ކަށަވަރުކުރެވުނެވެ. އަދި، 4,200 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވިއެވެ. މި އިއުލާނާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއް ފުރަބަންދަށް ގޮސް، އިގްތިސާދީ ގޮތުން ބޮޑެތި ހީނަރުވުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މީގެ ސަބަބުން ސައިންސްވެރިންގެ މެދުގައި އޮތް ގުޅުން ވަރުގަދަވެ، ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަލުވިވެގެން ދިޔައެވެ.

މި ބަލިމަޑުކަމަށް 6 އަހަރު ފުރިގެންދާއިރު، ސިއްހަތު ޖަމުއިއްޔާގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މުޅި ދުނިޔެއިން 7 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އެހެންނަމަވެސް، ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބަލީގެ ސަބަބުން މަރުވި މީހުންގެ އަސްލު އަދަދު މިއަށްވުރެ މާ ގިނަ ވާނެ އެވެ.

މި ދުވަހާ ގުޅިގެން އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި "ކޯވިޑް-19 ޑޭ އޮފް ރިފްލެކްޝަން" ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވަމުންދެއެވެ. މި ހަރަކާތްތަކުގެ މަގްސަދަކީ ބަލީގައި މަރުވި މީހުންގެ ހަނދާން އާކުރުމާއި، ކުރީ ސަފުގައި މަސައްކަތްކުރި ސިއްޙީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންގެ އަގު ވަޒަންކުރުމެވެ.

މީގެ އިތުރުން، މި ބަލީގެ ސަބަބުން ކުރިމަތިވެފައިވާ "ލޯންގް ކޯވިޑް" ފަދަ ދިގު މުއްދަތުގެ ސިއްޙީ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީވެސް މިފަދަ ދުވަސްތައް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.

ހިއްސާ ކުރައްވާ!