ބަންގްލަދޭޝްގެ އާ ގާނޫނު ހަދާ މަޖިލިސް ފެށެނީ ގާނޫނީ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއިން

ޝައިޚް ހަސީނާގެ ޚުދުމުޚުތާރު ވެރިކަން ވެއްޓުމަށްފަހު ބަންގްލަދޭޝްގައި އަލަށް އިންތިޚާބުކުރި ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ ގައުމުގެ ސިޔާސީ ނިޒާމު އިސްލާހުކުރުމާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ގާނޫނީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އާންމުކޮށް މަޖިލިސް ފެށުމުގައި އޮންނަ އިޖުރާއީ އަމާންކަމުގެ ބަދަލުގައި، މިފަހަރުގެ މަޖިލިސް ފެށެނީ 2024 ވަނަ އަހަރުގެ އިންގިލާބަށްފަހު އެކުލަވައިލި 'ޖުލައި ޗާޓަރު' އާ މެދު އުފެދިފައިވާ ތަފާތު މާނަކުރުންތަކުގެ ތެރެއިންނެވެ. މި މައްސަލައިގެ މައިގަނޑު ސަބަބަކީ މަޖިލީހުގެ މެންބަރުން ތަފާތު ދެ ގޮތަކަށް ހުވާކުރައްވާފައިވުމެވެ.

މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އޮތް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ މެންބަރުން ހުވާކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ އާންމު މެންބަރުންގެ ގޮތުގައެވެ. ނަމަވެސް، އިދިކޮޅު ޖަމާއަތޭ އިސްލާމީ އާއި ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) ހިމެނޭ ބްލޮކުން ވަނީ ދެ ހުވައެއް ކޮށްފައެވެ. އެއީ މަޖިލިސް މެންބަރުކަމުގެ ހުވަޔާއި، 'ކޮންސްޓިޓިއުޝަން ރިފޯމް ކައުންސިލް' ނުވަތަ ގާނޫނީ އަސާސީ އިސްލާހުކުރާ މަޖިލީހުގެ މެންބަރުކަމުގެ ހުވައެވެ.

މި ކައުންސިލަކީ ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު އެކުލަވައިލި ޖުލައި ޗާޓަރުގައި ހިމެނފައިވާ ކަމެކެވެ. އެ ޗާޓަރުގައި ގޮވާލާފައިވަނީ އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން ބާރު ނުފޯރުވުމާއި، އިންތިޚާބީ ނިޒާމަށް ބަދަލު ގެނައުމަށެވެ. މި ބަދަލުތައް ގެނައުމަށްޓަކައި މަޖިލީހުގެ މަދުވެގެން 60 މެންބަރުންގެ ތާއީދާއެކު ޚާއްސަ އިސްލާހީ މަޖިލީހެއް އުފެއްދުމަށް ޗާޓަރުގައި ކަނޑައަޅާފައިވެއެވެ. އިދިކޮޅު ކޯލިޝަނުން 77 މެންބަރުންނާއެކު މި ހުވާ ކުރި ނަމަވެސް، ވެރިކަންކުރާ ބީއެންޕީން ވަނީ އެއީ ގާނޫނީ ބިންގަލެއް ނެތް ކަމެއް ކަމަށް ބުނެ އެކަން ބަލައިގަންނަން ދެކޮޅު ހަދާފައެވެ.

މި ހާލަތުގެ ސަބަބުން ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް ފެށިގެންދަނީ ދެ ތަފާތު އަމުރެއްގެ ދަށުންނެވެ. އެއީ މިހާރު އޮތް ގާނޫނީ އޮނިގަނޑާއި ޖުލައި ޗާޓަރުން ލާޒިމްކުރާ ސިޔާސީ ބަދަލުތަކެވެ. ސިޔާސީ މުހައްލިލުން ފާހަގަކުރާ ގޮތުގައި، މި އާދަޔާ ޚިލާފު އިންތިޒާމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ފުށުއެރުންތަކެއް އުފެދުމުގެ ބިރު އެބައޮތެވެ.

އެންސީޕީގެ އިސް ލީޑަރު ސަރުވަރު ތުޝާރު ވިދާޅުވި ގޮތުގައި، އޮނިގަނޑަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން 1972 ގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ، އާންމު އިޖުރާއަތްތަކުން ބޭރުން މަސައްކަތްކުރާނެ ނިޒާމެއް ބޭނުންވެއެވެ. ނަމަވެސް ބީއެންޕީން ގަބޫލުކުރާ ގޮތުގައި ހުރިހާ އިސްލާހެއްވެސް ގެންނަންޖެހޭނީ މިހާރު އޮތް ބަރުލަމާނީ އުސޫލުތަކުގެ ތެރެއިންނެވެ.

ހިއްސާ ކުރައްވާ!