ކިމް ޖޮންގް އުން އާއި ދަރިކަނބަލުން ހަތިޔާރު އުފައްދާ ފެކްޓްރީއަކަށް ޒިޔާރަތްކުރައްވައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ގައުމުގެ ހަތިޔާރު އުފައްދާ ފެކްޓްރީއަކަށް އެމަނިކުފާނުގެ ދަރިކަނބަލުންނާއެކު ޒިޔާރަތްކުރައްވައި، އަލަށް އުފެއްދި ފިސްތޯލައެއް ޓެސްޓުކުރައްވައިފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމް ވަނީ ކުދި ހަތިޔާރު އުފައްދާ ފެކްޓްރީއަކަށް ވަޑައިގެން އެތަނުގައި އުފައްދާ ތަފާތު ހަތިޔާރުތައް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ކިމް އާއި ދަރިކަނބަލުން ވަނީ އަލަށް އުފެއްދި ފިސްތޯލައެއް ބޭނުންކުރައްވައި ފަޔަރިންގް ޕްރެކްޓިސްގައި ބައިވެރިވެވަޑައިގެންފައެވެ.

ފިސްތޯލަ ޓެސްޓުކުރެއްވުމަށްފަހު ކިމް ވިދާޅުވީ އެ ހަތިޔާރަކީ ވަރަށް ފެންވަރު ރަނގަޅު ހަތިޔާރެއް ކަމަށެވެ. އަދި މި ފެކްޓްރީއަކީ އެ ގައުމުގެ ސިފައިންނާއި ސަލާމަތީ ބާރުތަކަށް ބޭނުންވާ ކުދި ހަތިޔާރު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ވެސް ކިމް ވަނީ އިރުޝާދު ދެއްވާފައެވެ.

މި ޒިޔާރަތުގެ ކުރީ ދުވަހު، ކިމް އާއި ދަރިކަނބަލުން ވަނީ ހަނގުރާމަމަތީ މަނަވަރުތަކުން ފޮނުވާލާ މިސައިލްތަކެއް ޓެސްޓުކުރުމުގެ ހަރަކާތްތައް ވެސް ބައްލަވާލައްވާފައެވެ. މިއީ އުތުރު ކޮރެއާގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތްތަކެކެވެ.

ހިއްސާ ކުރައްވާ!