ނުތަނަވަސްކަން އިތުރުވެ، ރެއާ-އާތު މިނަރަލްސް އެކްސްޕޯޓް ކުރުން ހަރުކަށިކޮށްފި

ޖަޕާނާއި ޗައިނާއާ ދެމެދު އޮތް ސިޔާސީ އަދި އިގްތިސާދީ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ޖަޕާނަށް ބޭނުންވާ މުހިންމު ރެއާ-އާތުގެ ނާދިރު މައުދަނުތައް އެކްސްޕޯޓްކުރުން ޗައިނާއިން ހަރުކަށިކޮށްފިއެވެ. މި ފިޔަވަޅަކީ އިލެކްޓްރިކް ވެހިކަލްތަކާއި، ކުރިއަރާފައިވާ އިލެކްޓްރޯނިކްސް އަދި އަސްކަރީ ނިޒާމުތަކަށް ކޮންމެހެން ބޭނުންވާ މައުދަނުތަކަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅެކެވެ.

ޗައިނާއިން މި ފިޔަވަޅު އަޅާފައިވަނީ ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ބޮޑުވަޒީރު ވިދާޅުވީ ޗައިނާއިން ޓައިވާނަށް ދޭ ހަމަލާއަކީ ޖަޕާނުގެ ދެމިއޮތުމަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށެވެ. މި ވާހަކަތައް ކުށްވެރިކޮށް، އެ ވާހަކަ އަނބުރާ ގެންދިއުމަށް ބެއިޖިންގް އިން ވަނީ ގޮވާލާފައެވެ. މިކަމުގެ ރައްދުގައި ޗައިނާއިން ވަނީ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ މައުދަނުތައް އެކްސްޕޯޓްކުރުން މަނާކޮށް، އިތުރު ލައިސަންސް ހޯދަންޖެހޭ ގޮތަށް އުސޫލުތައް ބަދަލުކުރަން ނިންމާފައެވެ.

ޖަޕާނުން ބޭނުންކުރާ ރެއާ-އާތު މައުދަނުތަކުގެ ގާތްގަނޑަކަށް 60 އިންސައްތަ އެތެރެކުރަނީ ޗައިނާއިންނެވެ. ހާއްސަކޮށް ހައި-ޕާފޯމަންސް މެގްނެޓްތައް އުފެއްދުމަށް ބޭނުންވާ ބައެއް ބާވަތްތަކަށް ޖަޕާނުން މުޅިންހެން ބަރާސާވަނީ ޗައިނާއަށެވެ. މި ނިންމުމާއެކު ޖަޕާނުގެ ދިފާއީ އަދި މެޝިނަރީ އުފައްދާ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފައެވެ.

ޗައިނާގެ މި ފިޔަވަޅާއެކު ދުނިޔޭގެ ބާޒާރުގައި މިފަދަ މައުދަނުތައް ސަޕްލައިކުރުން މަދުވާނެ ކަމަށް ބަލައި، އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާގެ ރެއާ-އާތު އުފައްދާ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ އުފުލިފައެވެ. މިއީ ދުނިޔޭގެ މިނަރަލް ސަޕްލައި ޗެއިން ބަދަލުވެގެންދާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.

މި މައްސަލައިގެ ސަބަބުން އޭޝިއާގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮތް ވާދަވެރިކަން އިތުރަށް ވަރުގަދަވެ، އެހެން ގައުމުތަކުން މައުދަނުތައް ހޯދުމަށް ޖަޕާނުން ކުރާ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!