ގޯލްޑް ފިޝްއެއް އަމިއްލައަށް އުޅަނދެއް ދުއްވައި ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފި

މަހަކަށް އުޅަނދެއް ދުއްވިދާނެ ކަމަށް ގަބޫލުކުރަން ދަތިވެދާނެއެވެ! ނަމަވެސް، ނެދަލޭންޑްސްގެ އިންޖިނިއަރަކު އޭނާގެ ގޯލްޑް ފިޝްއަށް ޚާއްސަކޮށްގެން ތައްޔާރުކުރި އުޅަނދެއް ދުއްވައި އެ މަސް ވަނީ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފައެވެ. "ބްލަބް" ގެ ނަން ދީފައިވާ މި ގޯލްޑް ފިޝް ވަނީ އެއް މިނެޓު ތެރޭގައި 40 ފޫޓުގެ ރަސްތާއެއް ކަޑައްތުކޮށް، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

ތޯމަސް ޑި ވޫލްފް ނަމަކަށް ކިޔާ މި އިންޖިނިއަރު އޭނާގެ ގޯލްޑް ފިޝްއަށް ތައްޔާރުކޮށް ދިނީ ހަތަރު ފުރޮޅުލީ އުޅަނދެކެވެ. މި އުޅަނދުގެ ޑްރައިވަރު ސީޓުގެ ބަދަލުގައި ހަރުކޮށްފައިވަނީ ފެން ޓޭންކެކެވެ. މި އުޅަނދު ދުއްވަނީ ޓޭންކުގެ ތެރޭގައި މަސް ފަތައިގެން މިސްރާބުތައް ދެނެގަނެ، އެ ހަރަކާތްތައް އެނަލައިޒް ކުރުމަށްފަހުގައެވެ.

މި އީޖާދާ ގުޅޭގޮތުން ވާހަކަ ދައްކަމުން ތޯމަސް ބުނީ،

"އަހަރެން ބޭނުންވީ މީހުންނަށް އުފާވެރިކަން ލިބޭނެ ކަމެއް ކުރަން، އަދި އަހަރެންގެ ސީރިއަސް ވަޒީފާގެ މާހައުލުން ބޭރުން މަޖާ ކަމެއް ކުރަން" ކަމަށެވެ. މިއީ ސީދާ މަސް ދުއްވާ އުޅަނދަކަށް ވުރެ ބޮޑަށް، ހަރަކާތްތައް ދަނެގަންނަ މޯޝަން ސެންސިންގް ޓެކްނޮލޮޖީގެ އެހީގައި މަހުގެ ހަރަކާތްތަކަށް ބަލައިގެން ދުވާ އުޅަނދެކެވެ.

ތޯމަސް އިތުރަށް ފާހަގަކުރި ގޮތުގައި، މިއީ ހަމައެކަނި މަޖަލަކަށް ކުރި ކަމެއް ކަމުގައި ވިނަމަވެސް، މި ޓެކްނޮލޮޖީއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުސްތަގުބަލުގައި ބޮޑު އެހީތެރިކަމަކަށް ވެދާނެ އެއްޗެކެވެ.

"މިކަމުގެ ބޭނުމަކީ މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވިދާނެ ކަންކަން ސާބިތުކޮށްދިނުން. މިއީ ސީރިއަސް މަސައްކަތެއް ނޫން ނަމަވެސް، ހިނގާބިނގާވެ އުޅުމަށް ދަތިވާ މީހުންނަށް މިފަދަ ޓެކްނޮލޮޖީގެ އެހީގައި ފައިދާއެއް ކުރާނެ ނަމަ އަހަރެން ވަރަށް އުފާވާނަން،" އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!