ގްރީންލެންޑް ހިފުމަށް ވޮޝިންގޓަނުން ބާރުގެ ބޭނުންކޮށްފިނަމަ، އުތުރު އެޓްލާންޓިކް މުއާހަދާ ޖަމިއްޔާ (ނޭޓޯ) އިން ޑެންމާކް ވަކިވެދާނެ ކަމުގެ ސިގްނަލެއް އެ ގައުމުން ދީފި ކަމަށް އޮސްޓްރިއާގެ ކުރީގެ ޚާރިޖީ ވަޒީރު ކާރިން ކްނައިސަލް ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ސްޓޭޓް ޔުނިވަރސިޓީގެ ޖީ.އޯ.އާރް.ކޭ.އައި ސެންޓަރުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ކްނައިސަލް، ރަޝިޔާގެ ނޫސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގްރީންލެންޑާ ގުޅޭގޮތުން އެމެރިކާއާއި ޑެންމާކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ނޭޓޯއިން ވަކިވުމުގެ ނުރައްކާ އެބައޮތް ކަމަށް ޑެންމާކް ސަރުކާރުން މިހާރުވެސް އިޝާރާތް ކޮށްފައިވާ ކަމަށެވެ.
ކްނައިސަލް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލާގައި އެމެރިކާއާއި ޑެންމާކާ ދެމެދު ކުރިމަތިލުމެއް ހިނގާނީ ކޮން ސިފައެއްގައި ކަން ޔަގީނެއް ނޫނެވެ. ނަމަވެސް ޑެންމާކުގެ ބަސްމަގު ހުރިގޮތުން އެމެރިކާއަށް ދީލާލަން އެގައުމުން ބޭނުމެއް ނުވެއެވެ.







