ޗައިނާގެ ބޭންކުތަކުން ދޫކުރި ލޯނުގެ މިންވަރު ދަށަށް

ޗައިނާގެ ބޭންކުތަކުން ދޫކުރި ލޯނުގެ މިންވަރު 2018 ވަނަ އަހަރުގެ ފަހުން މިހާތަނަށް އެންމެ ދަށަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ލޯނު ނަގާ މިންވަރު މަދުވެފައިވަނީ އެ ގައުމުގެ އިގުތިސާދުގައި މުދަލާއި ޚިދުމަތަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ.

ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބިނާކޮށް ބްލޫމްބާގުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ މާލީ އިދާރާތަކުން ދޫކޮށްފައިވަނީ ޖުމްލަ 908 ބިލިއަން ޔުއާން (130 ބިލިއަން އެމެރިކާ ޑޮލަރު) އެވެ. މިއީ އިގުތިސާދީ މާހިރުން ލަފާކުރި 800 ބިލިއަން ޔުއާންއަށްވުރެ މަތީ އަދަދެކެވެ. ނަމަވެސް، މުޅި އަހަރަށް ބަލާއިރު މިއީ ފާހަގަކުރެވޭ ފަދަ ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު ޗައިނާގެ ބޭންކުތަކުން ދޫކުރި ޖުމްލަ ލޯނުގެ އަދަދަކީ 16.27 ޓްރިލިއަން ޔުއާން އެވެ. އަދި ކްރެޑިޓް ފުޅާވުމުގެ މިންގަނޑެއް ކަމަށްވާ "އެގްރިގޭޓް ފައިނޭންސިން" ޑިސެމްބަރު މަހު ވަނީ 2.2 ޓްރިލިއަން ޔުއާންއަށް އިތުރުވެފައެވެ.

ލޯނު ދޫކުރާ މިންވަރު ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ 2023 ވަނަ އަހަރުން ފެށިގެން ޗައިނާގެ އިގުތިސާދަށް ކުރިމަތިވެފައިވާ ލަސްކަމެވެ. މީގެ އިތުރުން މުދަލުގެ އަގުތައް ދަށަށް ދިއުމާއި (ޑިފްލޭޝަން)، އާންމުން ކުރާ ހޭދަ މަދުވުމުގެ ސަބަބުން ކުންފުނިތަކުގެ ފައިދާ ދަށަށް ގޮސް، ލޯނު ނެގުމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ހަމައެއާއެކު، ސަރުކާރުގެ ސިއްރު ދަރަނި ކުޑަކުރުމަށް ބެއިޖިންގް އިން ފަށާފައިވާ ކެމްޕޭނުގެ ސަބަބުން ލޯނު ދޫކުރުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ ބޮންޑުތައް އިތުރުވުމާ ގުޅިގެން ކްރެޑިޓް މާކެޓަށް ކުޑަ ކުރިއެރުމެއް އައި ނަމަވެސް، އަހަރު ނިމުނުއިރު އެކަމުގެ އަސަރު ވަނީ ކުޑަވެފައެވެ.

އިގުތިސާދީ މާހިރުން ލަފާކުރާ ގޮތުގައި، ޗައިނާގެ އެތެރޭގެ ޑިމާންޑް އިތުރުކޮށް އިގުތިސާދު ކޮޅަށް ޖެހުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ.

 

ހިއްސާ ކުރައްވާ!