"ވަޓްސްއެޕް" އިން އައިފޯން ބޭނުންކުރާ ފަރާތްތަކަށް، ޗެޓްތަކުގެ ތެރޭގައި ވަގުތުން މެސެޖުތައް ތަރުޖަމާކޮށްދޭ އާ ފީޗާއެއް ތައާރަފުކުރުމުގެ ތައްޔާރީތައް ފަށައިފިއެވެ.
މި ފީޗާ ފެނިފައިވަނީ އެޕް ސްޓޯރުގެ ޓެސްތް ފްލައިޓް ޕްލެޓްފޯމް މެދުވެރިކޮށް ދޫކޮށްފައިވާ އައިފޯންގެ ބީޓާ ވާޝަނަކުންނެވެ. މީގައި ކޮންމެ ޗެޓެއްގެ ތެރޭގައި "ޓްރާންސްލޭޓް މެސެޖަސް" ގެ ނަމުގައި ކަސްޓަމަރަށް ދޭ އާ އިޚްތިޔާރެއް ހިމަނާފައިވެއެވެ. މި ފީޗާ ހިންގާލުމުން، ލިބޭ ހުރިހާ މެސެޖުތަކެއް އަމިއްލައަށް ތަރުޖަމާވެގެން ދާނެއެވެ.

މި ފީޗާ ބޭނުންކުރާއިރު، މެސެޖުގެ އަސްލު ބަހާއި ތަރުޖަމާކުރަން ބޭނުންވާ ބަސް ކަނޑައެޅުމުން، އާ މެސެޖެއް ލިބުމާއެކު އެއްވެސް އިތުރު ކަމެއް ކުރަން ނުޖެހި ވަގުތުން ތަރުޖަމާ ފެންނާނެއެވެ. މިހާރު އޮންނަ ގޮތުން ނަމަ، މެސެޖަށް ފިތާލައިގެން ހުރެ "ޓްރާންސްލޭޓް" އިޚްތިޔާރު ކުރަން ޖެހެއެވެ.
ވަކިވަކި ޗެޓްތަކާއި ގްރޫޕް ޗެޓްތަކުގައި ވެސް މުޅި މުއާމަލާތް އެއްކޮށް ތަރުޖަމާކުރުމުގެ ގާބިލުކަން މި ފީޗާގައި ހުންނާނެއެވެ.
މި ފީޗާ މަސައްކަތް ކުރަނީ ފޯނުގައި ހުންނަ ޓްރާންސްލޭޝަން ޕެކޭޖްތައް ބޭނުންކޮށްގެން، ފޯނުގެ ތެރޭގައެވެ. އެއްވެސް މައުލޫމާތެއް ބޭރުގެ ސާވަރަކަށް ނުފޮނުވާތީ، މެސެޖުތަކުގެ ސިއްރުކަމާއި އެންކްރިޕްޝަން ދެމިއޮވެ އެވެ. އަދި، ޕްރައިވެސީ އާއި ސަލާމަތީ ރައްކާތެރިކަން ކަށަވަރުވެއެވެ.
މިހާރު މި ފީޗާ ސަޕޯޓްކުރާ ބަސްތަކުގެ ތެރޭގައި އިނގިރޭސި، އަރަބި، ފަރަންސޭސި، ޖަރުމަނު، އިޓަލީ، ސްޕެނިޝް، ޗައިނީޒް، ޖަޕަނީޒް، ކޮރެއަން، ހިންދީ، ރަޝިއަން އަދި ތުރުކީ ބަސް ހިމެނެއެވެ. ޖުމްލަ 21 ބަހަކަށް މިހާރު ސަޕޯޓްކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބަސްތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ވަޓްސްއެޕުން މި ފީޗާ ރަސްމީކޮށް ނެރޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.




