އައިފޯނު ބޭނުން ކުރާނަމަ މިކަމަށް ސަމާލު ވާތި: ނުރައްކާތެރި ސައިބަރ ހަމަލާއެއްގެ އިންޒާރު ދީފި

އައިފޯނު ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ސަލާމަތަށް ނުރައްކާވާ ފަދަ ވަރުގަދަ ސައިބަރ ހަމަލާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާކަމުގެ އިންޒާރު ސަލާމަތީ ކަންކަމާ ބެހޭ މާހިރުން ދީފިއެވެ. ލުކްއައުޓް، ގޫގްލް އަދި އައިވެރިފައިގެ ސެކިއުރިޓީ ރިސާޗަރުން ހާމަކޮށްފައިވާ ގޮތުގައި ޑާކްސުވޯޑް ގެ ނަމުން ނަންދެވިފައިވާ މި ހަމަލާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 220 މިލިއަން އައިފޯނަށް ވަނީ ނުރައްކާވެފައެވެ.

މި ހަމަލާއަކީ އައިއޯއެސް ނިޒާމުގައި ހުރި ނާޒުކު 6 ކަމެއްގެ ބޭނުން ހިފައިގެން ދޭ ހަމަލާއެކެވެ. މީގެ ސަބަބުން ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި، ކްރިޕްޓޯ ކަރަންސީގެ މައުލޫމާތާއި، މީހާ ހުންނަ ތަން ބުނެދޭ ލޮކޭޝަން ޑޭޓާ ފަދަ މުހިންމު މައުލޫމާތުތައް ވަގަށް ނެގުމުގެ ފުރުސަތު އޮވެއެވެ. މި ނުރައްކާތެރި ސޮފްޓްވެއާ ފެތުރުމަށް ގޯސްޓް ގެ ނަމުން ނަންދެވިފައިވާ ތިން އާއިލާއެއްގެ މެލްވެއާ ބޭނުންކުރާ ކަމަށް މާހިރުން ބުނެއެވެ.

މި ހަމަލާތައް ފެށިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މައިގަނޑު ގޮތެއްގައި މި ހަމަލާ އަމާޒުވެފައިވަނީ އައިއޯއެސް 18.4 އާއި 18.7 އާ ދެމެދުގެ ވާޝަންތަކަށެވެ. ނަމަވެސް، އައިއޯއެސް 26 ގެ ކުރީގެ ވާޝަންތަކަށް ވެސް މީގެ ނުރައްކާ އޮތް ކަމަށް މާހިރުން ލަފާކުރެއެވެ.

 ހުރިހާ މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އައިފޯނު ބޭނުންކުރާ ފަރާތްތަކުން ވެސް ވީ އެންމެ އަވަހަކަށް ފޯނުގެ ސޮފްޓްވެއާ އައިއޯއެސް 26.3.1 އަށް އަޕްޑޭޓް ކުރުމަށް މާހިރުން އިރުޝާދުދެއެވެ. މީގެ އިތުރުން، އިތުރު ރައްކާތެރިކަމެއްގެ ގޮތުން ފޯނުގެ ސެކިއުރިޓީ ސެޓިންގްސްގައިވާ ލޮކްޑައުން މޯޑް އެކްޓިވޭޓް ކުރުމަކީ މިފަދަ އިންޖިނިއަރިންގް ވަރުގަދަ ހަމަލާތަކުން ދިފާއުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުނެއެވެ.

ހިއްސާ ކުރައްވާ!