ފަރަންސޭސިވިލާތުގައި ޗިކުންގުންޔާ ވައިރަހާ ދެކޮޅަށް ދޭ "Ixchiq" ވެކްސިން ޖަހަން ފެށި ފަހުން، އޭގެ ނޭދެވޭ އަސަރު ފެނުނު 62 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެ ގައުމުގެ މެޑިސިން އެޖެންސީން ހޯމަ ދުވަހު އިއުލާންކޮށްފިއެވެ. މީގެ ތެރެއިން 21 ކޭހަކީ ސީރިއަސް ހާލަތްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
"Ixchiq" އަކީ ފްރެންޗް އޮސްޓްރިއަން ކުންފުނި "ވަލްނީވާ" އިން އުފައްދާފައިވާ، މަދިރީގެ ޒަރީއާއިން ފެތުރޭ ޗިކުންގުންޔާ ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ މަދު ވެކްސިންތަކުގެ ތެރެއިން އެކެކެވެ.
ފަރަންސޭސިވިލާތުގެ ބީ.އެފް.އެމް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުން ފެށިގެން ފަރަންސޭސިވިލާތުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި މި ވެކްސިން ބޭނުންކުރުމުގައި ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެމެރިކާގައި، ސީރިއަސް ނޭދެވޭ އަސަރުތަކެއް ފެނުނު އާ ހަތަރު ކޭހަކާ ގުޅިގެން، 2025 އޮގަސްޓް މަހުގެ ފަހުކޮޅު މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވަނީ ހިފަހައްޓާފައެވެ.
ފަރަންސޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި މި ވެކްސިން ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވީ، އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ސީރިއަސް އަސަރުތަކެއް ފެނުމާ ގުޅިގެންނެވެ. މީގެ ތެރޭގައި 2025 ގެ ކުރީކޮޅު ޗިކުންގުންޔާ ބާރަށް ފެތުރުނު ރިޔޫނިއަން ޖަޒީރާ މީހަކު މަރުވި ހާދިސާވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން، ފަރަންސޭސިވިލާތުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދިނުން ކުއްލި ގޮތަކަށް މެދުކަނޑާލިއެވެ. ނަމަވެސް، ޔޫރަޕިއަން ކޮމިޝަނުން ޖުލައި 2025 ގައި އަލުން ހުއްދަ ދެމުން ބުނެފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުންނަށް މި ވެކްސިންގެ ފައިދާ އޭގެ ނުރައްކަލަށްވުރެ ބޮޑު ކަމަށެވެ. އެހެންނަމަވެސް، ފަރަންސޭސިވިލާތުން ވަނީ 2026 ގެ ކުރީކޮޅު ހަދާ އާ އެސެސްމަންޓަކަށް ބަލާފައި ނޫނީ އުމުރުން ދުވަސްވީ މީހުންނަށް މި ވެކްސިން ބޭނުންކުރުމުގައި ސަމާލުވުމަށް އަންގާފައެވެ.
މީގެ އިތުރުން، ބައްޔެއްގެ ސަބަބުން ނުވަތަ ބޭސްފަރުވާއެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މި ވެކްސިން ދިނުން ވަނީ މަނާކޮށްފައެވެ. މިއީ ދިފާއީ ނިޒާމު ބަލިކަށި މީހަކަށް މި ވެކްސިން ދިނުމުން ދިމާވި އާ މައްސަލައަކާ ގުޅިގެން ނޭޝަނަލް އެޖެންސީ ފޯ މެޑިސިން އެންޑް ހެލްތު ޕްރޮޑަކްޓްސް ސޭފްޓީން ނެރުނު އިރުޝާދެކެވެ.
ޔޫރަޕްގެ ދިރާސާތަކުން ދައްކާގޮތުގައި، ދާއިމީ ބަލިތައް ހުންނަ އުމުރުން ދުވަސްވީ މީހުންގެ ސިކުނޑި ދުޅަވުމުގެ އެންސެފެލައިޓިސް ބަލީގެ ނުރައްކާ މަދު ހާލަތްތަކެއްގައި ދިމާވެއެވެ. މިހާތަނަށް މިފަދަ ކަށަވަރު ތިން ކޭހެއް ވަނީ ފެނިފައެވެ. އަދި ވެކްސިން ޖެހުމަށްފަހު ސިކުނޑީގެ ދުލި ދުޅަވުމުގެ އެސެޕްޓިކް މެނިންޖައިޓިސްގެ ނުރައްކާ، ކުރިން ހަމައެކަނި އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ފެނުނު ނަމަވެސް، މިހާރު ޒުވާނުންގެ ފަރާތުންވެސް އެފަދަ ކޭހެއް ފެނިފައިވާތީ އެކަން ދަނީ މޮނިޓަރު ކުރަމުންނެވެ.
ޗިކުންގުންޔާ ފެތުރުން ހުއްޓުވުމުގައި "Ixchiq" އަކީ މުހިންމު ވަސީލަތަކަށް ވީނަމަވެސް، ސިއްހީ އިދާރާތަކުން ބާރުއަޅަނީ މި ވެކްސިން ބޭނުންކުރުމުގައި، ހާއްސަކޮށް ނުރައްކާ ބޮޑު މީހުންގެ މެދުގައި، ސަމާލުވުމަށެވެ. އަދި އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ވެކްސިންގެ ހުރިހާ ނޭދެވޭ އަސަރުތަކެއް ވަރަށް ގާތުން ބަލަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.





