އިލެކްޓްރިކް އުޅަނދު (އީވީ)ތަކުގެ ރައްކާތެރިކަމާ މެދު ދުނިޔޭގެ ފެންވަރުގައި ކަންބޮޑުވުންތައް އިތުރުވަމުންދިއުމާ އެކު އީވީތަކުގައި ބޭނުންކުރާ ފޮރުވިފައިވާ ދޮރުގެ އަތްގަނޑުތައް ބޭނުންކުރުން ޗައިނާއިން މުޅި ގައުމުގައި މަނާކޮށްފިއެވެ. މިއީ މިފަދަ ޑިޒައިންތައް ގައުމަކުން މަނާކުރި ފުރަތަމަ ގައުމެވެ.
މިއަތްގަނޑުތައް މަގްބޫލުވީ ޓެސްލާއިން މިޑިޒައިން އޝްްތިހާރު ކުރުމުންނެވެ.
ޗައިނާގެ މި ނިންމުން އައިސްފައިވަނީ މިފަހަކަށް އައިސް ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޝައޯމީ ކާރުތަކެއް އެކްސިޑެންޓްވެ، ކަރަންޓު ކެނޑުމުގެ ސަބަބުން ކާރުގެ އެތެރޭގައި ތިބި މީހުންނަށް ދޮރު ނުހުޅުވި ހިނގި ހާދިސާތަކެއް ހިމެނެއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ނެރުނު އާ ގަވާއިދުގައިވާ ގޮތުން، 1 ޖެނުއަރީ 2027 އިން ފެށިގެން ޗައިނާގައި ވިއްކާ ހުރިހާ އުޅަނދެއްގެ އެތެރެއާއި ބޭރުގައި މެކޭނިކަލްކޮށް ދޮރު ހުޅުވޭނެ އިންތިޒާމު ހުންނަންވާނެއެވެ. އަދި އިލެކްޓްރޯނިކް ނިޒާމު ފެއިލްވި ނަމަވެސް އަތްގަނޑުގައި ހިފޭނެ ފަދަ ޖާގައެއް ބޭރު ފަރާތުގައި ހުންނަން ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކާރުގެ އެތެރޭގައި ކޮންމެ ދޮރެއް ހުޅުވާނެ ގޮތުގެ ސާފު ނިޝާންތައް ހުންނަން ޖެހޭނެއެވެ. މިހާރު ވިއްކުމުގެ ހުއްދަ ލިބިފައިވާ ނަމަވެސް ބާޒާރަށް ނެރެފައިނުވާ މޮޑެލްތަކަށް މި ގަވާއިދަށް އަމަލުކުރުމަށް އިތުރު ދެ އަހަރުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
ޗައިނާގެ އީވީ މާކެޓުގައި ފޮރުވިފައިވާ އަތްގަނޑުތަކަކީ ވަރަށް މަގްބޫލު އާންމު އެއްޗެކެވެ. ޗައިނާ ޑެއިލީން ރިޕޯޓްކުރާ ގޮތުގައި އެންމެ ގިނައިން ވިއްކާ 100 މޮޑެލްގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ އުޅަނދުގައި ހުންނަނީ މިފަދަ އަތްގަނޑުތަކެވެ. ޗައިނާއަކީ އީވީ އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ގައުމަށް ވުމުން، މި ނިންމުމުގެ އަސަރު މުޅި ދުނިޔޭގެ އުފެއްދުންތެރިންނަށް ކުރާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ވެސް ދަނީ ޓެސްލާގެ ދޮރުތައް ނުހުޅުވޭ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާތައް ތަހުގީގު ކުރަމުންނެވެ. އަދި ޔޫރަޕްގެ ގައުމުތަކުން ވެސް މިފަދަ ގަވާއިދުތަކެއް އެކުލަވާލުމަށް ދަނީ ވިސްނަމުންނެވެ.






