ބަންގްލަދޭޝްގެ ޖެޓް ފިއުލްގެ އަގު 80 އިންސައްތަ ބޮޑުކޮށްފި

ބަންގްލަދޭޝްގެ ޖެޓް ފިއުލްގެ އަގު 80 އިންސައްތަ ބޮޑުކޮށްފި ކަމަށާއި، މިއީ މާރިޗު މަހުގެ ތެރޭގައި އަގަށް ގެނައި ދެވަނަ ބަދަލުކަމަށް އެ ގައުމުގެ ނޭޝަނަލް ރެގިއުލޭޓަރުން އިއުލާނުކޮށްފިއެވެ. ބަންގްލަދޭޝް އެނާޖީ ރެގިއުލޭޓަރީ ކޮމިޝަން (ބީ.އީ.އާރް.ސީ) އިން ބުނި ގޮތުގައި މި ނިންމުން ނިންމަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ޖެޓް ފިއުލްގެ އަގަށް ބަދަލު ގެންނަން އަޅުގަނޑުމެންނަށް މަޖުބޫރުވީ،" ބީ.އީ.އާރް.ސީގެ ޗެއާމަން ޖަލާލް އަހުމަދު އޭ.އެފް.ޕީ އަށް ދެއްވި ބަސްދީއެއްގައި ވިދާޅުވެފައިވެއެވެ.

ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންކުރާ ޖެޓް ފިއުލްގެ އަގު މިހާރު ވަނީ ލީޓަރަކަށް 1.32 ޑޮލަރަށް ކަނޑައަޅާފައެވެ. މި އާ އަގުތަކަށް އަމަލުކުރަން ފަށާނީ އެ ގައުމުގެ އެތެރޭގެ އުދުހުންތަކާއި ބޭރުގެ އެއާލައިންތަކަށެވެ. ނަމަވެސް އޮޕަރޭޝަނަލް ކެޓަގަރީތަކަށް ބަލައި އަގުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ. މި އާ އަގުތަކަށް އަމަލުކުރަން ފަށާފައިވަނީ އަންގާރަ ދުވަހުގެ މެންދަމުން ފެށިގެންނެވެ.

މި މަހުގެ ކުރީކޮޅުވެސް ބީ.އީ.އާރް.ސީ އިން ވަނީ ޖެޓް ފިއުލްގެ އަގު ބޮޑުކުރުމަށް ނިންމާފައެވެ. ނަމަވެސް ކުއްލި މުރާޖައާއަކަށްފަހު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ނިންމުން އޭރު ވަނީ މަޑުޖައްސާލާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހުމާން ބުދަ ދުވަހު ޚާއްސަ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށްވެސް ތެޔޮ ލިބުމުގެ ދަތިކަމުގެ އަސަރު ވަނީ ކޮށްފައެވެ. ޕާކިސްތާނުން ފާއިތުވި ހަފުތާތަކުގައި ޕެޓްރޯލާއި ހައި ސްޕީޑް ޑީސަލްގެ އަގު ބަދަލުނުކޮށް ހިފަހައްޓާފައިވީ ނަމަވެސް، ރަސްމީކޮށް އިއުލާނުކުރުމަކާ ނުލައި ޖެޓް ފިއުލް އާއި ކެރަސިންގެ އަގު ބޮޑުކޮށްފައިވާ ކަމަށް 'ޑޯން' ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާ އާއި ނޭޕާލުން ޖެޓް ފިއުލްގެ އަގު ބަދަލުނުކޮށް ވަނީ ހިފަހައްޓާފައެވެ.

ބަންގްލަދޭޝްގެ 175 މިލިއަން މީހުންގެ ހަކަތައިގެ ބޭނުންތަކުގެ ގާތްގަނޑަކަށް 95 އިންސައްތަ ބިނާވެފައިވަނީ އިމްޕޯޓްގެ މައްޗަށެވެ. އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ކޮންމެ އަހަރަކު 180,000 ޓަނުގެ ޑީސަލް ޕައިޕްލައިން މެދުވެރިކޮށް ބަންގްލަދޭޝްއަށް ފޯރުކޮށްދޭ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!