ޑިޖިޓަލް އީޖާދުތަކާއި ދެކުނުގެ ގައުމުތަކުގެ ގުޅުން މެދުވެރިކޮށް ތަރައްގީގެ ހައްގު ކަށަވަރުކުރަން މަޝްވަރާކޮށްފި

ޑިޖިޓަލް އީޖާދުތަކާއި ދުނިޔޭގެ ދެކުނުގެ ގައުމުތަކުގެ ގުޅުން ބޭނުންކޮށްގެން ތަރައްގީގެ ހައްގު ހާސިލްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް ޖެނީވާގައި ބާއްވައިފިއެވެ. ގްލޯބަލް އިންސްޓިޓިއުޓް ފޯ ވޯޓަރ، އެންވަޔަރަންމަންޓް އެންޑް ހެލްތު ޖީ.އައި.ޑަބްލިއު.އީ.އެޗް އިން އިންތިޒާމުކުރި މި ހަރަކާތް ބާއްވާފައިވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަނުގެ ހަވާސާގައެވެ.

މި ބައްދަލުވުން މޮޑަރޭޓް ކުރެއްވި ޖީ.އައި.ޑަބްލިއު.އީ.އެޗްގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ނިދާލް ސާލިމް ވިދާޅުވީ، ތަރައްގީގެ ހައްގަކީ ހަމައެކަނި އިގްތިސާދީ މަގްސަދެއް ނޫން ކަމަށާއި، އެއީ އެންމެންގެ ބައިވެރިވުން އޮންނަ، ހަމަހަމަ އިންސާނީ ހައްގެއް ކަމަށެވެ. މި ޕެނަލްގައި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އާއި، މަދަނީ ޖަމިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރުގެ އިތުރުން އިންޑިއާ އާއި ކަޝްމީރުގެ އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕެނަލިސްޓުން ފާހަގަކުރެއްވި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް، އިންޓަރނެޓް އޮފް ތިންގްސް އަދި ބްލޮކްޗެއިން ފަދަ ޓެކްނޮލޮޖީތަކަކީ މިހާރު އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތްތަކެކެވެ. މި ޓެކްނޮލޮޖީތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ 70 އިންސައްތަ ހާސިލްކުރުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ (ޑީ.ޕީ.އައި) އާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އިންޑިއާގެ އެންމެނަށް ބޭންކް އެކައުންޓް، އާދާރު ޑިޖިޓަލް އައިޑެންޓިޓީ، އަދި މޮބައިލް ކަނެކްޓިވިޓީ ފަދަ ނިޒާމުގެ ސަބަބުން އެ ގައުމުގެ އާބާދީގެ 97 އިންސައްތައަށް ޑިޖިޓަލް ޚިދުމަތްތައް ފޯރާފައިވާކަމަށް މައުލޫމާތު ދިނެވެ.

ޚާއްސަކޮށް އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫ.ޕީ.އައި) މެދުވެރިކޮށް 2025 ވަނަ އަހަރު 228 ބިލިއަނަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާކަން ފާހަގަކުރެވުނެވެ. މީގެ ސަބަބުން ކުދި ވިޔަފާރިވެރިންނާއި އާންމު މަސައްކަތްތެރިންނަށް ރަސްމީ އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވެއެވެ. ޖަން ދަން އެކައުންޓްތަކުގެ 55.8 އިންސައްތައަކީ އަންހެނުންގެ އެކައުންޓްތަކަށް ވާއިރު، މިއީ މުޖުތަމައުގެ އެކި ފަންތިތައް ބައިވެރިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މާތު ފޯ ޕީސްގެ ސީ.އީ.އޯ އައިމަން އުކައިލް ވިދާޅުވީ، ދުނިޔޭގެ ދެކުނުގެ ގައުމުތަކުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުން 2030 ވަނަ އަހަރާ ހަމައަށް ޖީ.ޑީ.ޕީ 1.4 އިންސައްތައަށް އިތުރުކުރެވިދާނެ ކަމަށެވެ. އަދި މިފަދަ ކާމިޔާބު މޮޑެލްތައް ސައުތު-ސައުތު ކޯޕަރޭޝަންގެ ދަށުން އެކަކު އަނެކަކާ ހިއްސާކުރުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އޮތް އެންމެ ރަނގަޅު މަގުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!