އިޓަލީގައި 12 ޓަނުގެ ޗޮކްލެޓް ބަރުކޮށްފައިވާ ލޮރީއެއް ވަގަށް ނަގައިފި

އިޓަލީގައި ހައިރާންކުރުވަނިވި ވައްކަމުގެ ހާދިސާއެއް ހިނގައިފިއެވެ. މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ވަގަށް ނަގާފައިވަނީ ރަނާއި ފައިސާގެ ބަދަލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ކިޓްކެޓް' ޗޮކްލެޓެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިޓަލީން ޕޮލެންޑަށް ދަތުރުކުރަމުންދިޔަ މި ލޮރީގައި 12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ހުއްޓެވެ. މީގެ ތެރޭގައި 413,000 އަށްވުރެ ގިނަ ޗޮކްލެޓް ބާ ހިމެނޭއެވެ.

މި ހާދިސާއާ ގުޅިގެން ކުންފުނިން ނެރުނު ބަޔާނެއްގައި މަޖާޒީ ގޮތަކަށް ބުނެފައިވަނީ، "އަހަރެމެން އާންމުންގެ ކިބައިން އެދެނީ ކިޓްކެޓް ކެއުމަށް، ނަމަވެސް ވަގުން މިކަން މާ ސީރިއަސްކޮށް ނެގީ ކަމަށް ބެލެވޭ" ކަމަށެވެ. އަދި ވަގުންގެ މި 'ތަފާތު ރަހަ' އަށް ތައުރީފުކުރާ ކަމަށާއި، ނަމަވެސް މިއީ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ބޮޑު މައްސަލައެއްކަން ކުންފުނިން ފާހަގަކުރިއެވެ.

މި ޚަބަރު ފެތުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިކަމަށް ޖޯކު ޖަހައި 'މީމްސް' ތައްޔާރުކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ ވަގުންނަށް ދެން މުޅި އުމުރަށް ޗޮކްލެޓް ކެވޭނެ ކަމަށެވެ. އަދި ބައެއް ފޮޓޯތަކުގައި މީހުން ޗޮކްލެޓް ފުންޏެއްގެ ތެރޭގައި ތިބޭ މަންޒަރުތައް ދަނީ ދައުރުވަމުންނެވެ.

ކުންފުނިން އެކްސް މެދުވެރިކޮށް ބުނެފައިވަނީ، މި މައްސަލަ ތަހުގީގު ކުރުމަށާއި ގެއްލުނު މުދާ ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!