ސައުދީ އަރަބިއްޔާގައި އެއްހާސް އަހަރުވީ ނާދިރު ޤުރުއާން އިލްމުގެ ފޮތެއް ފެނިއްޖެ

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް އަބްދުލްއަޒީޒް ޕަބްލިކް ލައިބްރަރީން، މީގެ އެއްހާސް އަހަރަށްވުރެ ގިނަ ދުވަސްވީ ޤުރުއާނުގެ ޢިލްމުތަކާ ގުޅޭގޮތުން ލިޔެފައިވާ ފޮތެއް ފެނިއްޖެއެވެ. "ޣަރީބުލް ޤުރުއާން" ގެ ނަމުން ނަންދެވިފައިވާ މި ފޮތަކީ ހިޖުރީ ގޮތުން 4 ވަނަ ގަރުނުގެ ތެރޭގައި ލިޔެވިފައިވާ، އިލްމީ ގޮތުން ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވާ މަސައްކަތެކެވެ.

މި ލިޔުމަކީ މަޝްހޫރު އިލްމުވެރިޔާ އަބޫ އުބައިދާ މުޢައްމަރު ބިން އަލްމުޘަންނާ އައްތައިމީ އަލްބަޞަރީ ލިޔުއްވި ފޮތެކެވެ. އޭނާ ނިޔައުވީ ހިޖުރައިން 209 ވަނަ އަހަރު / މީލާދީން 824 ގައެވެ. މިއީ ޤުރުއާނުގެ ޢިލްމުތަކާ ގުޅޭގޮތުން ލިޔެފައިވާ، އަދި މިހާތަނަށް ޗާޕުކޮށްފައިނުވާ ފޮތެއްގެ ބައެކެވެ.

23 ސަފުހާގެ މައްޗަށް އެކުލެވޭ މި މަސައްކަތް ލިޔެފައިވަނީ 17×22 ސެންޓިމީޓަރުގެ ސައިޒުގެ ހަންގަނޑުތަކެއްގައެވެ. މި ލިޔުން ލިޔެފައިވަނީ ވަރަށް ރީތިކޮށް ކިޔަން އެނގޭ ފަދަ އަންދަލުސީ އަރަބި ލިޔުމަކުންނެވެ. ނަމަވެސް، ސޫރަތްތަކުގެ ނަންތައް ލިޔެފައިވަނީ ކޫފީ ޚަތުންނެވެ. މިއީ އެ ޒަމާނުގެ އިލްމީ މަސައްކަތްތަކުގެ ފުރިހަމަކަމާއި، ޚައްޠާޠުކަމުގެ ފަންނުވެރިކަން ދައްކުވައިދޭ ހެއްކެކެވެ.

އަބޫ އުބައިދާއަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ 200 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. އޭގެ ތެރޭގައި "މަޖާޒުލް ޤުރުއާން"، "މަޢާނީ އަލްޤުރުއާން"، "އިޢުރާބުލް ޤުރުއާން" އަދި "ޠަބަޤާތުއް ޝުޢަރާއު" ފަދަ މަޝްހޫރު ފޮތްތައް ހިމެނެއެވެ.

ކިންގް އަބްދުލްއަޒީޒް ޕަބްލިކް ލައިބްރަރީގައި ޤުރުއާނުގެ ޢިލްމުތަކާ ގުޅޭ 185 އަށްވުރެ ގިނަ ނާދިރު ލިޔުންތައް ރައްކާކުރެވިފައިވެއެވެ. އޭގެ ތެރޭގައި ތަފްސީރުއް ޠަބަރީ އާއި، އިބްނު ޤުތައިބާ އަދި އައްޒައްޖާޖު ފަދަ ބޮޑެތި އިލްމުވެރިންގެ މަސައްކަތްތައް ހިމެނެއެވެ.

މި އާ ލިޔުން އާންމުކުރުމަކީ ހިޖުރީ 4 ވަނަ ގަރުނުގެ ތެރޭގައި ޤުރުއާނުގެ އުނދަގޫ ލަފުޒުތައް މާނަކުރުމުގައި އިލްމުވެރިން ގެންގުޅުއްވި މަންހަޖު ދިރާސާކުރުމަށް ރިސާޗަރުންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

 

 

ހިއްސާ ކުރައްވާ!