ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދޭ ބިލަށް ދެ އަރަބި މެމްބަރުން ތާއީދު ކުރި

އިސްރާއީލުގެ އިސްތިއުމާރީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަލަސްތީނުގެ މިނިވަންކަމަށް ލޯބިކުރާ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ހުށަހެޅި ލާއިންސާނީ ބިލް، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލިސް (ކަނީސެޓް) އިން ރޭ ފާސް ކުއިރު އަރަބި ނަސްލުގެ ދެ މެމްބަރަކު ވަނީ އެ ބިލަށް ތާއީދުކޮށްފައެވެ.

މި ނުރައްކާތެރި ބިލް ފާސްކޮށްފައިވަނީ އިސްރާއީލުގެ ގާނޫނު މަޖިލީހުގެ 62 މެންބަރުންގެ ތާއީދާއެކުގައެވެ.

އިންސާނީ ހައްގުތަކާ މުޅިން ޚިލާފު، ނަސްލީ ތަފާތުކުރުންތަކުން ފުރިގެންވާ މި ބިލަށް ވޯޓު ދިން މެންބަރުންގެ ތެރޭގައި އިސްރާއީލުގެ ޒަޔަނިސްޓް ޕާޓީތަކާ ގުޅިފައިވާ ދެ އަރަބި މެންބަރަކުވެސް ހިމެނެއެވެ. އެއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީގެ އަރަބި ދަރިކޮޅުގެ މެންބަރު އަފީފް އަބްދު އަދި ޚާރިޖީ ވަޒީރު ގިޑިއޯން ސާރގެ "ތިކްވާ ހަދާޝާ" ޕާޓީގެ މެންބަރު އަކްރަމް ޙައްސޫނެވެ.

މި ޤާނޫނުގެ ދަށުން، އިސްރާއީލަށް ހަމަލާދޭ ކަމަށް ތުހުމަތުކުރެވޭ ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށް މަރުގެ އަދަބު ދިނުމުގެ ބާރު އިސްރާއީލުގެ ކޯޓުތަކަށް ލިބިގެންދާނެއެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ބޮޑުވެގެންވާ އަނިޔާވެރިކަމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމައުން ސިފަކުރެއެވެ.

ހިއްސާ ކުރައްވާ!