އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން މިއަދު އިލްތިމާސް ކޮށްފިއެވެ.
ކޮމިޝަނުން މިފަދަ އިލްތިމާސެއް ކުރީ، ކުރިއަށް އޮތް އިންތިހާބުތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ސަރުކާރުން ބޭނުންވާ ގޮތަށް ރެފަރެންޑަމް ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި ގިނަ ރައްޔިތުންތަކެއް ވޯޓުން މަހުރޫމް ކުރަމުންދާ ކަމަށާއި، އިންތިޚާބުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ކޮމިޝަނުން އަމަލުކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން "އެމްއެމްޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި، އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްރަހުމާން ޞަލާޙު ރަޝީދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ނާއިބު ރައީސް ވިދާޅުވީ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކަމަށެވެ.
"ކޮންމެ ރައްޔިތަކުވެސް ބޭނުންފުޅުވާ ކެނޑިޑޭޓުންނާ، އިޙްތިޔާރު ކުރައްވަން ބޭނުންފުޅު ގޮތެއް ކަނޑަ އެޅުމަށްޓަކައި މިނިވަން ކަމާއެކު، ބިރުދެއްކުމެއް ނުފޫޒެއްނެތި ކަރުދާހުގައި ފާހަގަޖަހައި ފޮއްޓައް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިދީ އަދި އެބޭފުޅަކު ވޯޓުލީ ތަނެއްގައި އޮޅުވާލުމެއްނެތި އެ ނަތީޖާއެއް ނެރެދޭނެ ކަމުގެ ޔަޤީންކަން އަރުވަން،" ނާއިބު ރައީސް ޞަލާޙު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިޚާބީ ނިޒާމުގެ އިތުބާރު ގެއްލޭ ގޮތަށް ދޮގު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރައްވަމުން އޭނާ ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ފަދަ އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

