އަންހެނުން ރީތިވުމަށް ޖަހާ އިންޖެކްޝަން ބޭނުންކުރުން ހުއްދަ ކަމަށް ސައުދީ އިލްމުވެރިޔަކު ވިދާޅުވެއްޖެ

އަންހެނުން ރީތިވުމުގެ ގޮތުން މޫނަށް ޖަހާ އިންޖެކްޝަން ނުވަތަ ކޮސްމެޓިކް އިންޖެކްޝަންތައް ބޭނުންކުރުމުގެ ހުކުމް، ސައުދީ އަރަބިއްޔާގެ ކައުންސިލް އޮފް ސީނިއާ ސްކޮލާސްގެ މެންބަރު، ޝައިޚް ޑރ. ޔޫސުފް ބިން މުޙައްމަދު ބިން ސައީދު ބަޔާންކޮށްދެއްވައިފިއެވެ. ޝައިޚް ވިދާޅުވި ގޮތުގައި ޝަރުޢީ ގޮތުން މަނާކުރާ ކަންތައްތަކެއް ނެތް ނަމަ އަދި ސިއްހީ ގޮތުން ގެއްލުމެއް ނުވާ ނަމަ އެފަދަ އިންޖެކްޝަންތައް ބޭނުންކުރުން ހުއްދަވާނެއެވެ.

ސައުދީ ޓީވީގެ "ފަތުވާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝައިޚް ވިދާޅުވީ، ރީތިވުމަށް ޖަހާ އިންޖެކްޝަންތަކަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ޓެޓޫ ޖެހުން ފަދަ ކަމަކަށް ނުވާނަމަ، އަދި އެކަމުގެ ސަބަބުން ސިއްހީ ގެއްލުމެއް ނުލިބޭނެ ކަމަށް ކަމާބެހޭ ޑޮކްޓަރުން ބުނާނަމަ، އެކަމުގައި އެއްވެސް ޙަރަޖެއް ނެތް ކަމަށެވެ.

ޝައިޚް އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ، "ކަނބަލުންގެ މޫނަށް ޖަހާ ރީތިވުމުގެ އިންޖެކްޝަނަކީ އޭގެ ސަބަބުން ޓެޓޫއެއް ކުރެހޭ އެއްޗަކަށް ނުވާނަމަ، އަދި ޑޮކްޓަރުންގެ ބަހުން އެއީ ކަމަނާއަށް ގެއްލުން ހުރި އެއްޗަކަށް ނުވާނަމަ އެކަން ކުރުމަކަށް ހުރަހެއް ނެތް. ސަބަބަކީ އެއީ ޒީނަތްތެރިވުމަށް ކުރެވޭ ކަމަކަށް ވާތީ،" އެވެ.

މި މައުޟޫޢުގައި ވާހަކަދައްކަވަމުން ޝައިޚް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކަންކަމުގައި އޮތް އަސާސީ ގާއިދާއަކީ ޝަރުޢީ ގޮތުން މަނާކުރާ ކަމެއް ނެތުމާއި ސިއްހީ ގެއްލުމަކުން ރައްކާތެރިވެފައިވުމެވެ. މި ޝަރުތުތައް ފުރިހަމަވާ ނަމަ، މި ބާވަތުގެ ރީތިވުމުގެ ކަންކަމަކީ އަސްލު ހުއްދަ ކަންކަން ކަމުގައި ކަށަވަރުކޮށްދެއްވިއެވެ.

ހިއްސާ ކުރައްވާ!