އިންޑިއާ އާއި ތުރުކީގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި، ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މަތީ ފަންތީގެ ޑިޕްލޮމެޓިކް މަޝްވަރާތައް އަލުން ފަށައިފިއެވެ. މިގޮތުން ދެ ގައުމުގެ ފޮރިން އޮފީސް ކޮންސަލްޓޭޝަންގެ 12 ވަނަ ބުރު މިހާރު ވަނީ އިންޑިއާގެ ނިއުދިއްލީގައި ބާއްވާފައެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ ސެކްރެޓަރީ (ވެސްޓް) ސިބީ ޖޯޖް އަދި ތުރުކީގެ ޑެޕިއުޓީ ފޮރިން މިނިސްޓްރީގެ ނާއިބް ބެރިސް އެކިންޗީއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުންތައް މުރާޖައާކޮށް، ސަރަހައްދީ އަދި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރިއެވެ.
މި މަޝްވަރާތަކުގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ފަތުރުވެރިކަން، ޓެކްނޮލޮޖީ، ހަކަތަ، ތައުލީމު، ސަގާފީ އެއްބާރުލުން، އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އެޖެންޑާއެކެވެ.
އިންޑިއާ އާއި ތުރުކީގެ ގުޅުން ފިނިވެގެންދިޔައީ 2025 ވަނަ އަހަރު ދެކުނު އޭޝިއާގައި ހިނގި އަސްކަރީ ހަމަނުޖެހުންތަކުގައި ތުރުކީން ޕާކިސްތާނަށް ތާއީދުކުރުމާ ގުޅިގެންނެވެ. އެކަމުގެ ސަބަބުން ބޭރުގެ ސަފީރުންނަށް އިންޑިއާ އިން ދެމުންދިޔަ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކުން ތުރުކީ ބާކީކުރިވެ.
ނަމަވެސް، ދެ ގައުމުގެ ގުޅުމަށް "އާ ދިރުމެއް ގެނައުމަށް" މިއީ އެންމެ މުނާސަބު ވަގުތު ކަމަށް ތުރުކީގެ އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްވަރާތަކުގެ ދެން އޮންނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ތުރުކީގައެވެ.


