ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ފަރުހަތު އިސްތިއުފާ ދެއްވިކަން މިފްކޯއިން ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ސްވިޒާލޭންޑަށް ނިސްބަތްވާ ޑޮކްޓަރ ވިޓާލީ ލިއުބިމޮވް ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ފަރުހަތު ޝަހީރަކީ މީގެ ކުރިން ދައުލަތުގެ މުހިންމު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގެ އިތުރުން، ގައުމީ ދިފާޢީ ބާރުގެ އިސް މަޤާމުތަކެއް ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.
ފަރުހަތުގެ ސީއީއޯ ކަމުގެ ދަށުން މިފްކޯއިން ވަނީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ހާއްސަކޮށް މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގްތިސާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ އެކު، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅި ފުރަތަމަ ކުންފުންޏަކީ ވެސް މިފްކޯ އެވެ.
ފަރުހަތު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މަގާމަށް ދެން ބޭފުޅަކު އައްޔަނުކުރުމާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުޙައްމަދު ވެސް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަބްދުލްމަތީން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މިއަދުން ފެށިގެން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުލްމަތީން އައްޔަނުކުރެއްވީ 28 ނޮވެމްބަރު 2023 ގައެވެ. މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން އޭނާއަކީ އެ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. ފެން ކުންފުންޏާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
މި ދެ ކުންފުނީގެ އިސްވެރިން އެއް ދުވަހެއްގައި އިސްތިއުފާ ދެއްވާފައި މިވަނީ ކުއްލި ގޮތަކަށެވެ.




