ހަންގޭރީގައި ބޭއްވި އާންމު އިންތިޚާބުން އެގައުމުގެ ބޮޑުވަޒީރު ވިކްޓަރ އޯބަން ބަލި ކޮށްފިއެވެ. އާދީއްތަ ދުވަހު އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ޕީޓަރ މަގްޔާރު އިސްކޮށް ހުންނަވާ އިދިކޮޅު ޕާޓީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވަމުން އޯބަން ވިދާޅުވީ، މިއީ ވަރަށް ސާފު އަދި ހިތްދަތި ނަތީޖާއެއް ކަމަށާއި، ކާމިޔާބީ ހޯދި ޕާޓީއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރައްވާނެ ކަމަށާއި، ދުވަހަކުވެސް އުންމީދު ކަނޑާނުލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޯބަންގެ މި ބައްޔާއެކު، އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޖެނޮސައިޑް ޓެރަރިސްޓް ރެޖީމްގެ ބޮޑުވަޒީރުނަތަންޔާހޫގެ އިތުރުން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް ޔޫރަޕްގެ އިއްތިހާދުގެ ތެރެއިން ތާއީދުދޭ އެންމެ ވަރުގަދަ އެކުވެރިޔާ ވަނީ ގެއްލިފައެވެ. މިއީ ހުޅަނގުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކަށް ލިބުނު ބޮޑު ސިހުމެއްގެ ގޮތުގައި ބެލެވެއެވެ.
މި ނަތީޖާގެ ސަބަބުން ޔޫރަޕްގެ އިއްތިހާދުގައި ހަންގޭރީން ގެންގުޅުނު ދެކޮޅުވެރި ސިޔާސަތުތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން އޯބަން ވަނީ ޔޫކްރެއިންއަށް ދިނުމަށް ނިންމާފައިވާ 90 ބިލިއަން ޔޫރޯގެ ލޯނަށް ހުރަސްއަޅުއްވާފައެވެ. އަދި ހަންގޭރީގައި ޑިމޮކްރެޓިކް މިންގަނޑުތައް ހިފެހެއްޓުމުގައި އޯބަން ފަހަތަށް ޖެހިވަޑައިގެންފައިވާ ކަމަށް ބުނެ ޔޫރަޕްގެ އިއްތިހާދުން ހިފަހައްޓާފައިވާ ފައިސާތައް ލިބުމުގެ މަގުވެސް މި ބަދަލާއެކު ފަހިވެގެންދާނެއެވެ.
އިންތިޚާބުގެ ކުރިން ޓްރަމްޕް ވަނީ އޯބަންއަށް ތާއީދުކޮށް، އޭނާ ހޮވިއްޖެނަމަ އެމެރިކާގެ އިގްތިސާދީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ހަންގޭރީއަށް އެހީވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އެމެރިކާގެ މެދުއިރުމަތީގެ ޕްރޮކްސީއެއް ކަމަށްވާ ޖެނޮސައިޑް ޓެރަރިސްޓް ނަތަންޔާހޫވެސް ވަނީ އޯބަންއަށް ތާއީދު ހޯއްދައިދިނުމަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ. ނަމަވެސް، ހަންގޭރީގެ ރައްޔިތުން ވަނީ އޯބަން ގެންގުޅުނު ހަރުކަށި މޮޑެލަށް ނޫނެކޭ ބުނެފައެވެ.






