ޔަހުދީންގެ ވާހަކަ ދޮގުކޮށް ނަތަންޔާހޫ ހައްޔަރު ކުރާނެ ކަމަށް ބުނެފި

ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ނަތަންޔާހޫ އަށް ހަންގޭރީއަށް އައުމަށް އިންތިޚާބީ ބޮޑު ވަޒީރު ދައުވަތުު ދެއްވާފައިވާ ކަމަށް ޔަހޫދީ ސަފީރު ދެއްކި ވާހަކަ ދޮގު ކުރަމުން ހަންގެރީން ބުނެފައި ވަނީ ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ބޮޑު ވަޒީރު ނަތަންޔާހޫ ހަންގެރީއަށް ވަދެއްޖެނަމަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނެރެފައިވާ އަމުރާ އެއްގޮތަށް އޭނާ ހައްޔަރުކުރާނެ ކަމަށެވެ.

ހަންގޭރީގެ އިންތިޚާބީ ބޮޑުވަޒީރު ޕީޓާ މަގްޔާރު ވިދާޅުވީ ނަތަންޔާހޫ ހަންގެރީއަށް އައުމަށް ދައުވަތު ދީފައި ނުވާނެ ކަމަށެވެ. އަދި ދައުވަތެއް ނުވެސް ދޭނެ ކަމަށެވެ.

މަގްޔާރު ވިދާޅުވީ އައިސީސީގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން އެ ކޯޓުގެ ނިންމުންތަކަށް ތަބާވުމުގެ ގާނޫނީ މަސްއޫލިއްޔަތު ހަންގޭރީގެ މައްޗަށް ލާޒިމު ކަމަށެވެ. އަދި ކޯޓުން ހޯދަން ބޭނުންވާ މީހަކު އެ ގައުމުގެ ސަރަހައްދަށް ވަދެއްޖެނަމަ، އެ މީހަކު ހައްޔަރުކުރުމަކީ މެންބަރު ގައުމުތަކަށް ލާޒިމްކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ފަލަސްޠީނުގެ ޖެނޮސައިޑާ ގުޅިގެން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައިސީސީން ވަނީ ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ. ހަންގޭރީއަކީ އެ ކޯޓުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ވާތީ، ހޭގްގައި ހުންނަ އެ ކޯޓުން ނެރޭ އަމުރުތަކަށް އެއްބާރުލުން ދިނުމަކީ އެ ގައުމުގެ މައްޗަށް ލާޒިމް ކަމެކެވެ.

ނަމަވެސް މިހާރުގެ ބޮޑުވަޒީރު ވިކްޓަރ އޯބަން ވަނީ އެ އަމުރު ބޮލާލައި ޖަހައި ނަތަންޔާހޫއަށް ހަންގެރީއަށް ވަނުމަށް ކުރިން ހުއްދަ ދީފައެވެ. އަދި އޭނާ ގެ ސަރުކާރުން ވަނީ އައިސީސީން ވަކިވުމަށް މަސައްކަތް ފަށްޓާފައެވެ. މަގްޔާރު ވިދާޅުވީ މިކަން އޭނާގެ ސަރުކާރުން ހުއްޓުވާނެ ކަމަށެވެ.

އިންތިޚާބީ ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، ހަންގޭރީ އައިސީސީގެ އޮނިގަނޑުގެ ތެރޭގައި ދެމިއޮންނާނެ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނީ އިލްތިޒާމްތަކަށް ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށެވެ. "ހަންގެރީއަކީ އައިސީސީގެ މެންބަރަކަށް ވެފައި، އެ ކޯޓުން ހޯދާ މީހަކު އެ ގައުމަކަށް ވަދެއްޖެނަމަ، އެ މީހަކު ބަންދުގެ ދަށަށް ގެންދަންވާނެ،" މަގްޔާރު ވިދާޅުވިއެވެ. މިކަން މިހާރު ނަތަންޔާހޫއަށް ސާފުކޮށްދެއްވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންސާނީ ހައްގާއި އަދުލުއިންސާފުގެ ޝިއާރުތައް ނަގަހައްޓާ ވިލާތުގެ ގައުމުތަކުން ވަނީ ނަތަންޔާހޫ ހައްޔަރު ކުރުމަށް ފަސްޖެހިފައެވެ،.

  • އަލްޖަޒާއިރުގައި މިލިއަން މުސްލިމުން ޝަހީދުކޮށްލި ފަރަންސޭސިވިލާތުން ވަނީ ޑިޕްލޮމެޓިކް އިމްތިޔާޒުގެ ވާހަކަ ދައްކައި ޔަހޫދީ ޖެނޮސައިޑް މޭސްތިރި ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެފައެވެ.
  • ހުރިހަިއ ބޮޑު ހަނގުރާމަތައް ފެށި ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޯލްޒް ވިދާޅުވެފައިވަނީ ނަތަންޔާހޫ ހައްޔަރުކުރާ މަންޒަރު ޚިޔާލަށް ގެންނަންވެސް އުދަގޫ ކަމަށެވެ.
  • އުމަރުލް މުޚުތާރު ޝަހީދުކޮށްލަި ލީބިޔާގެ މުޖާހިދުން ޝަހީދު ކުރި އިޓަލީން ވެސް ވަނީ ނަތަންޔާހޫއަށް ހިމާޔަތް ދީފައެވެ.
ހިއްސާ ކުރައްވާ!