ސައޫދީ އަރަބިއްޔާއާ ތުރުކީއާ ދެމެދު ރޭލު ދަތުރުތައް ފެށުމުގެ ދިރާސާތައް މި އަހަރު ނިންމަނީ

ސައޫދީ އަރަބިއްޔާއިން ޖޯޑަން މަގުން ލައިގެން ސީރިއާ މެދުވެރިކޮށް ތުރުކީއާ އެކު ރޭލުން އެ ގައުމު ގުޅާލުމަށް ކުރަމުންދާ ދިރާސާތައް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސައޫދީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ސާވިސަސް، ސާލިޙް އަލްޖާސިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ސަރަހައްދީ ގުޅުންތައް ބަދަހިވެ، ވިޔަފާރީގެ މުއާމަލާތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ގަލްފްގެ ގައުމުތަކަކީ މުއްސަދި ގައުމުތައް ހިމެނޭ ކްލަބެއް ފަދައިން އެހެން ފަރާތްތަކަށް ބަންދުކޮށްގެން ތިބި ގައުމުތަކެކެވެ. ހަނގުރާމައާ ހެދި އެހެން މީހުންނަށްވެސް ގަލްފް ސަރަހައްދު ހުޅުވާލުމާއި އެހެން މީހުންނާ ގުޅިެގން އުޅުމުގެ މުހިންމުކަން ވަނީ އިހުސާސް ކުރެވިފައެވެ.

ސައޫދީ އަރަބިއްޔާގެ ގައުމީ ރޭލު ވިއުގަ މިހާރުވެސް އަލްޙަދީޘާ ބޯޑަރު މެދުވެރިކޮށް އުރުދުންގެ ބޯޑަރާ ހަމައަށް ފޯރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ރޭލު މަގުން ގުޅާލުމަށް ކުރެވޭ މަސައްކަތުގައި ސްޓްރެޓީޖިކް މުހިންމު ނުކުތާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖިއްދާ އިސްލާމިކް ޕޯޓުގައި ލޮޖިސްޓިކް މަގުތަކުގެ އިސްނެގުމެއް ފަށާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ބޭނުމަކީ ރެޑް ސީއާއި އަރަބި ފާރިސީ ކަނޑުގެ ސަރަހައްދުގައި ވިޔަފާރީގެ މުއާމަލާތްތައް މެދުނުކެނޑި ކުރިއަށްދާނެކަން ކަށަވަރުކުރުން ކަމަށެވެ. ސައޫދީގެ ބަނދަރުތަކަކީ އަހަރަކު 17 މިލިއަނަށްވުރެ ގިނަ ކޮންޓެއިނަރު ބެލެހެއްޓުމުގެ ގާބިލުކަން ހުރި ތަންތަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސާލިޙް އަލްޖާސިރު އިތުރަށް ވިދާޅުވީ، ސައޫދީ އަރަބިއްޔާއަކީ ކާރިސާތައް މެނޭޖްކުރުމާއި ޖިއޯޕޮލިޓިކަލް ބަދަލުތަކާ ކުރިމަތިލުމުގެ ތަޖުރިބާ ހުރި ގައުމެއް ކަމަށެވެ. އެހެންކަމުން، ސަރަހައްދީ ވިޔަފާރި އާއި މުދާ އުފުލުމުގެ ނިޒާމު ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމަށް ސައޫދީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ހިއްސާ ކުރައްވާ!