ރަޝިޔާގެ ހަނގުރާމައިގެ އިގްތިސާދަށް އަމާޒުކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަލަށް އެކުލަވާލި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާގެ ބައެއް ކުންފުނިތައް ހިމެނުމާ ގުޅިގެން، އޭގެ ނަތީޖާއާ އީޔޫ އިން ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ޗައިނާއިން އިންޒާރު ދީފިއެވެ. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އިން މި ބަޔާން ނެރެފައިވަނީ ބްރަސަލްސްގައި އީޔޫގެ މެންބަރު ގައުމުތަކުން މި ފިޔަވަޅުތައް ފާސްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 20 ވަނަ ސެންކްޝަން ޕެކޭޖުގެ ދަށުން ރަޝިޔާގެ ބޭންކުތަކާއި ކުންފުނިތަކަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ފުރަތަމަ ފަހަރަށް ތިންވަނަ ގައުމުތަކުގެ ކުންފުނިތައް ވެސް ވަނީ މި ލިސްޓުގައި ހިމަނާފައެވެ. މީގެ ތެރޭގައި ޗައިނާގެ ކުންފުނިތައް ހިމެނެއެވެ. މި ފިޔަވަޅުތަކުގެ މަގްސަދަކީ ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ ޓެކްނޮލޮޖީއާއި، މާލީ ވަސީލަތްތައް ހޯދުމަށް ރަޝިޔާއަށް އެހީތެރިވާ ކަމަށް ތުހުމަތުކުރެވޭ ކުންފުނިތަކަށް ހުރަސް އެޅުމެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ މި ނިންމުމާމެދު "ނުހަނު ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށާއި، ޗައިނާގެ ކުންފުނިތަކާއި ފަރުދުން މި ލިސްޓުގައި ހިމެނުމާ "ސާބިތުކަމާއެކު ދެކޮޅު ހަދާ" ކަމަށެވެ. އަދި އީޔޫގެ މި އަމަލަކީ ބެއިޖިންގް އިން ތަކުރާރުކޮށް ދެކޮޅު ހަދަމުން ދަނިކޮށް ހިންގި ލަދުކުޑަ އަމަލެއްގެ ގޮތުގައި އެ މިނިސްޓްރީން ސިފަކުރިއެވެ. ޗައިނާގެ ކުންފުނިތަކުގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި "ކުރަންޖެހޭ ކަންކަން" ކުރާނެ ކަމަށް ވެސް ބެއިޖިންގް އިން ވަނީ ބުނެފައެވެ.
އީޔޫގެ ގައުމުތަކުން ވަކާލާތު ކުރަނީ ރަޝިޔާއަށް ނާޒުކު މުދަލާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ބޭނުންކުރާ މަގުތައް ބަންދުކުރުމަށްޓަކައި ޗައިނާގެ އިތުރުން ތުރުކީ، އިންޑިއާ އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ ކުންފުނިތަކަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މި ފިޔަވަޅުތައް ޚާއްސަކޮށް އަމާޒުކޮށްފައިވަނީ އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ބޭނުންކުރެވޭ ތަކެއްޗަށެވެ.
މި ނިންމުމުގެ ސަބަބުން މިހާރުވެސް ނުތަނަވަސްވެފައިވާ އީޔޫ-ޗައިނާގެ ގުޅުމަށް އިތުރު ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ޗައިނާއިން ބުނަމުންދަނީ ރަޝިޔާއަށް އެއްވެސް ހަތިޔާރެއް ފޯރުކޮށްނުދޭ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ލީޑަރުން ދެކޭގޮތުގައި ޗައިނާއަކީ މިހާރު އެ ބްލޮކްގެ ސަލާމަތީ އަދި އިގްތިސާދީ މަސްލަހަތުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވެސް ވަނީ ޔޫރަޕުން މިކަމުގައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.





