ކަރުދާސް ފޮތެއް ނެތް ފުރަތަމަ ކުތުބުޚާނާ ހުޅުވައިފި

އެމެޒޯންގެ ދަށުން ހިންގާ އޯޑިއޯ ބުކްސް އަދި ޕޮޑްކާސްޓް ޕްލެޓްފޯމް 'އޯޑިބަލް' އިން އެމެރިކާގެ ނިއުޔޯކް ސިޓީގައި ކަރުދާސް ފޮތެއް ނެތް ދުނިޔޭގެ ފުރަތަމަ އޯޑިއޯ ކުތުބުޚާނާ ހުޅުވައިފިއެވެ. "އޮޑިބަލް ސްޓޯރީ ހައުސް" ގެ ނަމުގައި ހުޅުވި މި ފިހާރައަކީ އެއް މަސް ދުވަހުގެ މުއްދަތަށް ސައުތު މެންހަޓަންގައި ހިންގާ ވަގުތީ (ޕޮޕް އަޕް) ފިހާރައެކެވެ.

މި ކުތުބުޚާނާގެ މަގްސަދަކީ ކިޔުންތެރިންނަށް ފޮތް ކިޔުމުގެ ބަދަލުގައި އަޑުއެހުމުގެ ތަޖުރިބާ އާ ފެންވަރަކަށް ގެންގޮސްދިނުމެވެ. އޮޑިބަލްގެ ސީއީއޯ ބޮބް ކެރިގަން ވިދާޅުވި ގޮތުގައި މިއީ "ކުޑަކޮށް މޮޔަ ޚިޔާލެއް" ކަމަށް ހީވި ނަމަވެސް، މިއީ އޯޑިއޯ ފޮތްތަކަށް ލޯބިކުރާ މީހުންނަށް އެކަކު އަނެކަކާ ބައްދަލުވެ، އާ އުފެއްދުންތައް ހޯދުމަށް ހުޅުވާލެވުނު މުހިންމު ފުރުސަތެކެވެ.

މި ކުތުބުޚާނާގައި ފޮތްތައް ހުންނަނީ ހެޑްސެޓް ބޭނުންކޮށްގެން އަޑުއެހޭ ގޮތަށް ހާއްސަ ސްޓޭންޑްތަކެއްގައެވެ. މީގެ އިތުރުން، ހެޑްސެޓާ ނުލައި ލައުޑްސްޕީކަރުން ފޮތްތައް އަޑުއަހާލައިގެން އަރާމުކޮށްލެވޭނެ ޚާއްސަ 'އެހުމަށް މާލަން' އެއްވެސް މިތަނުގައި ގާއިމުކޮށްފައިވެއެވެ. މި މަރުކަޒުގައި ލިޔުންތެރިންނާ ބައްދަލުކުރުމާއި ތަފާތު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާނެއެވެ.

ކުރިން އޯޑިއޯ ފޮތްތަކަކީ ހަމައެކަނި ލޮލުގެ ފެނުން ދެރަ މީހުންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއަދު މިއީ ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތެކެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފޮތް ފިހާރަތައް ބަންދުވުމާއި، ގޭގައި ތިބެން ޖެހުމުގެ ސަބަބުން ޑިޖިޓަލް ފޮތްތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އޯޑިއޯ ފޮތްތަކުގެ ސަބަބުން ވަގުތު ސަލާމަތްވުމުގެ އިތުރުން، ބަސް ދަސްކުރުމާއި، ބަސްތައް ރަނގަޅަށް ކިޔަން ދަސްވުމާއި، ސަމާލުކަން ދިނުމުގެ ހުނަރު ކުރިއަރައިގެންދާ ކަމަށް މާހިރުން ފާހަގަކުރެއެވެ. މިއީ ދަތުރުފަތުރު ކުރުމާއި، ކަސްރަތު ކުރުން ފަދަ އެހެން މަސައްކަތްތަކުގައި އުޅޭއިރުވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ވަސީލަތެކެވެ.

ހިއްސާ ކުރައްވާ!