ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބީގެ 81 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވަނީ ޖަރުމަނު މުޖުތަމައުންނާއި ޔޫރަޕުން ނާޒީ ފިކުރު ފޮހެލުމުގެ މަސައްކަތް މިއަދާ ހަމައަށްވެސް ފުރިހަމަވެފައި ނުވާކަމަށް ވިދާޅުވެފައެވެ.
މެޑްވެޑޭވް ލިޔުއްވާފައިވާ މަޒުމޫނެއްގައި ވިދާޅުވެފައިވަނީ، ހުޅަނގުގެ ބާރުތަކުން ހަނގުރާމައަށްފަހު ކުރިއަށްގެންދިޔަ އެ މަސައްކަތްތަކަކީ ހަމައެކަނި ދެއްކުންތެރިކަމެއް ކަމަށެވެ. އަދި ހުޅަނގުގެ ބާރުތަކުން ނާޒީ ހަނގުރާމައިގެ ކުށްވެރިން ދިފާއުކޮށް، އެމީހުންގެ ފިކުރު ދެމެހެއްޓުމަށް މަގުފަހިކޮށްދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.
ރަޝިޔާގެ ފޮރިން އިންޓެލިޖެންސް ސާވިސް (އެސް.ވީ.އާރް) ގެ އަރުޝީފީ ލިޔުންތަކާ ހަވާލާދީ މެޑްވެޑޭވް ވިދާޅުވީ، 1952 ވަނަ އަހަރުން ފެށިގެން ހުޅަނގު ޖަރުމަނުގެ ސިޔާސީ މަސްރަހު އޮތްގޮތުން ފެންނަން އޮތީ ނާޒީ ކުށްވެރިންނަށް މައާފުދީ އެމީހުން ބޭނުންކުރުމުގެ ސިޔާސަތެއް ހުޅަނގުން ގެންގުޅުނު ކަމެވެ. "އެންގްލޯ-ސެކްސަންސް ދަރިކޮޅުން މަސައްކަތް ކުރީ ހިޓްލަރުގެ އަސްކަރީ އިގްތިސާދުގެ ވެރިންނާއި މުހިންމު ނާޒީން ސަލާމަތް ކުރަން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް އާ ބެހޭގޮތުން ރަޝިޔާގެ އިންޓެލިޖެންސް އިން ބުނެފައިވަނީ، އޭނާއަކީ ނާޒީ ޒަމާނުގެ ޝަކުވާތަކުގެ މައްޗަށް ބިނާކޮށް ރަޝިޔާއާ ދެކޮޅަށް ބަދަލުހިފުމުގެ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ. މިއީ ތާރީޚީ ހަގީގަތްތައް އޮޅުވާލައި، ސޯވިއެޓް ޔޫނިއަނުން ހޯދި ނަސްރުގެ ހަނދާންތައް ފޮހެލުމަށް ހުޅަނގުން ކުރާ މަސައްކަތެއްގެ ގޮތުގައި ރަޝިޔާއިން ސިފަކުރެއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ މިދިޔަ މަހު ވިދާޅުވެފައިވަނީ، ބައެއް ހުޅަނގުގެ ގައުމުތަކުން އަދިވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ނަތީޖާއާއި ނިއުރެމްބާގް ޓްރައިބިއުނަލްގެ ނިންމުންތައް ގަބޫލުނުކުރާ ކަމަށެވެ. އެ ގައުމުތަކުން ދެކޭގޮތުގައި ސޯވިއެޓްގެ ކާމިޔާބީއަކީ އިސްލާހުކުރަންޖެހޭ "އެކްސިޑެންޓެއް" ނުވަތަ "ކުށެއް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެޑްވެޑޭވްގެ މި ލިޔުމަކީ ރަޝިޔާއިން ކޮންމެ އަހަރަކު ފާހަގަކުރާ ވިކްޓްރީ ޑޭއާ ދިމާކޮށް، ހުޅަނގުގެ ގައުމުތަކުން މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ވަރުގަދައަށް ފާޑުކިޔުމުގެ ގޮތުން ޝާއިއުކުރި ލިޔުމެކެވެ.





