ހިޓްލަރު އަމިއްލައަށް މަރުވިކަން އެންމެ ފުރަތަމަ އެނގުނީ ސްޓާލިންއަށް ކަން ރަޝިޔާގެ ލިޔުންތަކުން ހާމަވެއްޖެ

ނާޒީ ޖަރުމަނުގެ ލީޑަރު އެޑޮލްފް ހިޓްލަރު އަމިއްލައަށް މަރުވި ޚަބަރު، އެ ގައުމުގެ އަސްކަރީ އިސްވެރިން އެންމެ ފުރަތަމަ ރަސްމީކޮށް އެންގީ އޭރުގެ ސޯވިއެޓް ޔޫނިއަންގެ ލީޑަރު ޖޯސެފް ސްޓާލިންއަށް ކަން ރަޝިޔާގެ ފެޑަރަލް ސެކިއުރިޓީ ސާވިސް (އެފް.އެސް.ބީ) އިން އަލަށް އާންމުކުރި ސިއްރު ލިޔުންތަކަކުން ހާމަވެއްޖެއެވެ.

މި ލިޔުންތަކުގައިވާ ގޮތުން، ބާލިންގެ ދިފާއީ ކަންކަމާ ހަވާލުވެ ހުންނެވި ޖެނެރަލް ހެލްމަޓް ވައިޑްލިންގް ވަނީ 1945 ވަނަ އަހަރުގެ މެއި މަހު ސޯވިއެޓް އިންޓެލިޖެންސަށް ހިޓްލަރުގެ ފަހު ދުވަސްތަކާ ބެހޭ ތަފްސީލީ މައުލޫމާތު ދީފައެވެ. ވައިޑްލިންގްގެ ބަޔާނުގައިވާ ގޮތުން، ހިޓްލަރު އަމިއްލައަށް މަރުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ ފެނުނުއިރު ހުރީ ވަރަށް ބަލިކަށިކޮށެވެ. އޭނާ ސިފަކުރި ގޮތުގައި ހިޓްލަރަކީ އޭރު "ދިރިހުރި މަޔިތެއް" ފަދަ މީހެކެވެ.

ހިޓްލަރު އަމިއްލައަށް މަރުވީ 30 އެޕްރީލް 1945 ގައެވެ. ވައިޑްލިންގް ކިޔައިދިން ގޮތުގައި އެ ދުވަހުގެ ހަވީރު 5 ޖެހިއިރު އޭނާ ރައިކް ޗާންސެލަރީއަށް ހާޒިރުކުރުމުން، ޖެނެރަލް ހާންސް ކްރެބްސް ވަނީ ހިޓްލަރު މެންދުރުފަހު 3 ޖެހިއިރު ބަޑިން ހަމަލާދީ އަމިއްލައަށް މަރުވިކަން އަންގާފައެވެ. އަދި ހިޓްލަރުގެ ހަށިގަނޑު ޗާންސެލަރީގެ ބަގީޗާ ތެރޭގައި އަންދާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ޚަބަރު ސޯވިއެޓް ޔޫނިއަންއަށް ލިބުނީ 1 މެއި 1945 ގެ ފަތިހު 3:50 ހާއިރުއެވެ. ޖެނެރަލް ކްރެބްސް ސޯވިއެޓް އަސްކަރީ މަރުކަޒަށް ގޮސް، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ހުށަހަޅައި، ހިޓްލަރު މަރުވިކަން ރަސްމީކޮށް އެންގިއެވެ. މާޝަލް ޒޫކޯވް މެދުވެރިކޮށް މި ޚަބަރު ވަގުތުން މޮސްކޯގައި ހުންނެވި ސްޓާލިންއަށް އެންގުނެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް މި ޚަބަރު ލިބުނީ އޭގެ ފަހުން، އެ ރޭ ޖަރުމަނުގެ ރޭޑިއޯ މެދުވެރިކޮށެވެ.

ވައިޑްލިންގްގެ ބަޔާނުގައި ބާލިން ހިސާރުކޮށްފައި އޮތްއިރު އޮތް ބިރުވެރި ހާލަތުވެސް ވަނީ ބަޔާންކޮށްފައެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި، ކާބޯތަކެއްޗާއި ވަޒަން ހުސްވަމުން ދިޔަ އެ ދަނޑިވަޅުގައި، އާންމުންނާއި ސިފައިން ތަހައްމަލު ކުރަމުންދިޔަ ވޭނަކީ މުޅި ހަނގުރާމައިގައިވެސް އޭނާއަށް ފެނުނު އެންމެ ހިތްދަތި މަންޒަރު ކަމަށް އޭނާ ބުންޏެވެ.

ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި 1952 ވަނަ އަހަރު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރެވުނު ވައިޑްލިންގްގެ މި ހެކިބަހަކީ، ތާރީޚީ ގޮތުން ހިޓްލަރުގެ މަރުގެ ހަގީގަތް ކަށަވަރުކުރުމަށް ރަޝިޔާއިން ބޭނުންކުރާ މުހިންމު ލިޔެކިޔުންތަކެކެވެ.

ހިއްސާ ކުރައްވާ!