ޝައިޚު ޖާދުލް ހައްޤު އަލީ ޖާދުލްޙައްޤު ފަދަ ދަންނަބޭކަލުން މިހާރު ނުފެންނަނީ ކީއްވެ؟

ދިވެހިންނަށް ޝެއިޚު ޖާދުލްޙައްޤު އަލީ ޖާދުލްޙައްޤު ތައާރަފް ވެފައި ވަނީ އިސްލާމީ މަރުކަޒު އިފްތިތާޙު ކުރެއްވުމަށް އޭނާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުންނެވެ.

ޝައިޚު ޖާދުލް ހައްޤު އަލީ ޖާދުލްޙައްޤަކީ މިޒަމާނުގެ އިސްލާމީ ދުނިޔެ ދުށް އެންމެ ވަރުގަދަ އަދި އެންމެ އުޞޫލީ އެއް ޢިލްމުވެރިޔާއެވެ. އަލްއަޒްހަރުގެ އިމާމުލް އަކްބަރުގެ މަޤާމުގައި ހުންނަވައިގެން ޝެއިޚު ދެއްކެވި ހިތްވަރާއި، ޙައްޤު ބަސް ވިދާޅުވުމުގައި ސާބިތުވެ ހުންނެވި ހުންނެވުމަކީ މިއަދު އިސްލާމީ އުންމަތުން ނަމޫނާ ލިބިގަންނަންޖެހޭ ކަންކަމެވެ. ނަމަވެސް ސަހުޔޫނީންގެ ނުފޫޒަށް އުންމަތުގެ އަފްރާދުން ވިކެމުންދާ މިއަދުގެ ދުނިޔެއިން މިފަދަ ޝަޚްޞިއްޔަތުތައް ފެނުން މަދުވެފައިވަނީ ކީއްވެގެންތޯ މިއީ އުފެދޭ މުހިންމު ސުވާލެކެވެ.

ޝައިޚު ޖާދުލް ހައްޤުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ސިޔާސީ ނުފޫޒުތަކަށް ލެނބިވަޑައިނުގެން ޙައްޤު ބަސް ވިދާޅުވުމެވެ. މިޞްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކް، ބޭންކު އިންޓްރެސްޓް ނުވަތަ ރިބާ ހަލާލުކޮށްދިނުމަށް އެދިވަޑައިގަތުމުން، ޝެއިޚު ދެއްވި ޖަވާބަކީ ތާރީޚީ ޖަވާބެކެވެ. ގިނަބަޔަކު އެއްވެ ތިބި މާލަމުގައި ޝެއިޚު ވިދާޅުވީ ޙަލާލާއި ޙަރާމް ކަނޑައަޅުއްވަނީ ހަމައެކަނި މާތްﷲ ކަމަށާއި، އިޤްތިޞާދީ ސަބަބުތަކަށްޓަކައި ދީނުގެ ޙުކުމްތައް ވެރި މީހާ ބޭނުން ވުމަކުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. މިއަދު ގިނަ ޢިލްމުވެރިންނަށް ސިޔާސީ މަޤާމުތަކާއި މަންފާތަކަށްޓަކައި މިފަދަ ސާބިތުކަމެއް ދެއްކުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

އިސްރާއީލާއެކު ގުޅުން ބަދަހިކުރުމާ ދެކޮޅަށް ޝެއިޚު ގެންގުޅުއްވި ހަރުދަނާ އުޞޫލަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ޖެނޮސައިޑް އިސްރާއީލުގެ ރައީސް ހާއިމް ވައިޒްމަންއާ ބައްދަލުކުރެއްވުމަށް އިންކާރު ކުރައްވައި، ޝެއިޚު ވިދާޅުވީ، ކުޑަކުދިން މަރާ މީހުންނާ ސަލާމްކޮށްގެން އަތް ހަޑިނުކުރައްވާނެ ކަމަށެވެ. ޝެއިޚުގެ އެ ވިދާޅުވުމަކީ އޭރުގެ ސިޔާސީ މަސްރަޙުގައި ނުހަނު ބޮޑު ހިތްވަރަކަށް ވެގެން ދިޔައެވެ. އަދި 1994 ވަނަ އަހަރު މިސްރުގައި  ބޭއްވި އދ. ގެ އާބާދީއާ ބެހޭ ކޮންފަރެންސްގައި، އިސްލާމީ އުޞޫލުތަކާ ޚިލާފު އެއް ޖިންސުން ކައިވެނި ކުރުން ފަދަ ކަންކަމާ ދެކޮޅަށް ޝެއިޚު ވަގުތުން ނެރުއްވި ބަޔާނުގެ ސަބަބުން ސިޔާސީ ލީޑަރުންނަށްވެސް ޝެއިޚު ޖާދުލްޙައްޤުގެ ބަސްފުޅަށް ތަބާވާން މަޖުބޫރުވިއެވެ. އަދި އެ ކަމަށް ތާއީދު ކުރައްވައި މިސްރުގެ ރައީސަށް ބަޔާނެއް ނެރުމަށްވެސް މަޖުބޫރުވިއެވެ.

ޝައިޚު ޖާދުލް ހައްޤުގެ ދިރިއުޅުއްވުމަކީ އާދައިގެ ސާދާ ދިރިއުޅުއްވުމެކެވެ. މަތީ މަޤާމެއްގައި ހުންނެވި ނަމަވެސް، ސަރުކާރުން ދޭން އުޅުނު އާދަޔާ ޚިލާފް އިތުރު އިނާޔަތްތައް ހޯއްދަވަން ބޭނުންފުޅެއް ނުވިއެވެ. ޤާހިރާގެ މަނިޔަލް އަވަށުގެ ލިފްޓެއް ނެތް ޢިމާރާތެއްގެ ފަސްވަނަ ބުރީގައި ދިރިއުޅުއްވި އިރު އަރައިފައިބައި ވަޑައިގަންނަވަން ޖެހުމުން ޝަކުވާއެއް ނުކުރެއްވައެވެ. މުސާރައިގެ އިތުރުން އެއްވެސް އިނާޔަތުގެ ފައިސާއެއްގައި ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ. ޝެއިޚު ލިޔުއްވި ފޮތްތަކުން ލިބޭ އާމްދަނީވެސް އަމިއްލަ ފައިދާއަށް ބޭނުންފުޅެއް ނުކުރައްވައެވެ. މިއަދު ދީނީ ޢިލްމުވެރިންގެ މެދުގައި ދުނިޔޭގެ މާއްދީ އެދުންވެރިކަން ބޮޑުވެ ޓްރަމްޕަކީ ސުލްހަވެރިއެއް ކަމަށް ބުނެ ނަޔަތަންޔާހޫ ރަނގަޅުކޮށް އީރާނު ނުބައި މީސްކުރުމަކީ، ޝައިޚު ޖާދުލް ހައްޤު ފަދަ މިނިވަން ފިކުރެއްގެ ސާބިތު ޢިލްމުވެރިން ފެނުން މަދުވާ އެއް ސަބަބެވެ.

ޝައިޚު ޖާދުލް ހައްޤު ފަދަ ބޭކަލުން މިއަދު ނުފެންނަނީ ހަމައެކަނި ޢިލްމުގެ ތަދުމަޑުކަމެއް އައިސްގެނެއް ނޫނެވެ. އެއީ ޝެއިޚު ގެންގުޅުއްވި ފަދަ ވަރުގަދަ އީމާންތެރިކަމާއި، ދުނިޔޭގެ އެދުންތަކަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަމަށް އިސްކަންދިނުމުގެ ސިފަ އުނިވުމުގެ ސަބަބުންނެވެ.

اللهم اغفر للشيخ الجليل جاد الحق علي جاد الحق، وارحمه رحمةً واسعة، واجزه عن الإسلام والمسلمين خير الجزاء.
اللهم اجعل علمه وفتاواه نورًا له في قبره، ورفعًا لدرجاته في الجنة، واجعل ما قدّمه من دفاعٍ عن الدين والإيمان في ميزان حسناته.
اللهم أكرم نزله، ووسع مدخله، ونقّه من الذنوب والخطايا كما يُنقّى الثوب الأبيض من الدنس، واجعل مثواه الفردوس الأعلى مع النبيين والصديقين والشهداء والصالحين.
اللهم اجعل سيرته منارةً للأزهر الشريف ولعلماء الأمة، وبارك في من سار على نهجه في الحق والثبات.
آمين يا رب العالمين.

ހިއްސާ ކުރައްވާ!