ދުނިޔޭގެ ސިޔާސީ މަސްރަހުގައި ނިއުކްލިއަރް ހަތިޔާރަކީ އަބަދުވެސް ބޮޑު ބަހުސެއް ހިނގާ މައުޟޫއެކެވެ. ހާއްސަކޮށް އެމެރިކާއާއި ޔަހޫދީ ޖެނޮސައިޑް ރެޖީމް އަދި އީރާނާ ދެމެދު އޮންނަ ނުތަނަވަސްކަމުގެ ސަބަބުން، ނިއުކްލިއަރް ގާބިލުކަން ހުރީ ކޮން ގައުމުތަކެއްގައިތޯ ސުވާލު އުފެދެއެވެ. މިވަގުތު ދުނިޔޭގައި ނިއުކްލިއަރް ހަތިޔާރު ހުރީ އެމެރިކާ، ރަޝިޔާ، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް، އިންޑިއާ، ޕާކިސްތާން، އުތުރު ކޮރެއާ އަދި ޔަހޫދީ ޖެނޮސައިޑް ރެޖީމުގައެވެ. އީރާނުން މިފަދަ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވުނަސް، އަދި އެ ގައުމަކީ ނިއުކްލިއަރް ބާރެއް ނޫނެވެ.
ޔުރޭނިއަމް އަކީ ކޮބައި؟
ނިއުކްލިއަރް ހަތިޔާރާއި ހަކަތައިގެ މައިގަނޑު އަސާސަކީ ޔުރޭނިއަމް އެވެ. ޔުރޭނިއަމް އަކީ ހިލައާއި، ފަސްގަނޑާއި، ފެނުގެ ތެރޭގައި ވަރަށް ކުޑަ މިންވަރަކަށް ހުންނަ ބަރު މައުދަނެކެވެ. ރިހި ކުލައިގައި ހުންނަ މި މައުދަނަކީ ޕީރިއަޑިކް ޓޭބަލްގެ 92 ވަނަ އުފެދުމެވެ. މިއީ ބިމުން ނަގައިގެން ސާފުކުރުމަށްފަހު 'ޔެލޯ ކޭކް' ނުވަތަ ރީނދޫ ކޭކުގެ ނަމުން މަޝްހޫރުވެފައިވާ ވިޔަފާރި މާއްދާއަށް ބަދަލުކުރެވޭ އެއްޗެކެވެ.
ޔުރޭނިއަމް ހޯދުމުގެ ތާރީހު
ޔުރޭނިއަމް އެންމެ ފުރަތަމަ ހޯދީ 1789 ވަނަ އަހަރު ޖަރުމަނުގެ ސައިންސްވެރިއެއް ކަމަށްވާ މާޓިން ހެންރިކް ކްލަޕްރޮތް އެވެ. ނަމަވެސް އޭގެ ރޭޑިއޯ އެކްޓިވް ސިފަތައް އެނގުނީ 1895 ވަނަ އަހަރު އެކްސް-ރޭ އީޖާދުކުރުމާ ގުޅިގެންނެވެ. 1930 ގެ އަހަރުތަކުގައި ނިއުކްލިއަރް ފިޝަން ނުވަތަ ނިއުކްލިއަރް ވަކިވުމުގެ ހޯދުންތަކާއެކު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 'މެންހަޓަން ޕްރޮޖެކްޓް' މެދުވެރިކޮށް އެޓަމް ބޮން އުފެއްދުމުގެ މަގު ފަހިވެގެން ދިޔައެވެ.
ޔުރޭނިއަމްގެ ބޭނުންތައް: ހަނގުރާމައާއި ސުލްހަ
ޔުރޭނިއަމްގެ އެންމެ މުހިންމު ސިފައަކީ އޭގެ ނިއުޓްރޯންތަކަށް ބަދަލު އައުމުން އުފެދޭ ބިޔަ ހަކަތައެވެ. މި ހަކަތަ ދެ ގޮތަކަށް ބޭނުންކުރެވެއެވެ:
1. ސުލްހަވެރި ބޭނުންތައް
ޔުރޭނިއަމް ބޭނުންކޮށްގެން ނިއުކްލިއަރް ރިއެކްޓަރުތަކުން ކަރަންޓު އުފައްދައެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ގިނަ އަދަދަކަށް ހަކަތަ އުފެއްދޭ ވަސީލަތެކެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ކެންސަރު ބައްޔާއި ހިތުގެ ބަލިތައް ދެނެގަތުމަށް ބޭނުންކުރާ 'ޓެކްނީޝިއަމް-99އެމް' ފަދަ މާއްދާތައް އުފެއްދުމަށް ވެސް ޔުރޭނިއަމް ބޭނުންކުރެއެވެ. އީރާނަކީ މިކަމުގައި ކުރިއަރާފައިޥާ ގައުމެކެވެ.
2. އަސްކަރީ ބޭނުންތައް
މީގެ އެންމެ ނުރައްކާތެރި ބޭނުމަކީ ނިއުކްލިއަރް ބޮން އުފެއްދުމެވެ. އަދި ބޮޑެތި ކަނޑުބޯޓުފަހަރާއި ސަބްމެރިންތައް ދުއްވުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ވެސް ނިއުކްލިއަރް ރިއެކްޓަރުތައް ބޭނުންކުރެއެވެ.
ނިއުކްލިއަރް ހަތިޔާރުގެ ނުރައްކާ
ތާރީހުގައި ނިއުކްލިއަރް ހަތިޔާރު ބޭނުންކޮށްފައިވަނީ އެންމެ ދެ ފަހަރުއެވެ. އެއީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއާއި ނަގަސާކީއަށް އެޅި ދެ ބޮމެވެ. މި ހާދިސާގައި އެސާހިތަކުން ތެރޭގައި 200,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މި ހަތިޔާރުގެ ނުރައްކަލަކީ ހަމައެކަނި ގޮވުމެއް ނޫނެވެ. އޭގެ ސަބަބުން އުފެދޭ ގަދަ ހޫނާއި، އެތައް އަހަރަކަށް ދެމިގެންދާ ނުރައްކާތެރި ރޭޑިއޭޝަނަކީ އިންސާނުންނަށް ބޮޑެތި ބަލިތައް ޖައްސާ ކަމެކެވެ.
ޔުރޭނިއަމް އަކީ އޭގެ ޒާތުގައި ނުރައްކާތެރި އެއްޗެއް ނޫނެވެ. އެއީ އިންސާނިއްޔަތަށް ބޮޑެތި ފައިދާތަކެއް ކޮށްދެވިދާނެ ގުދުރަތީ މައުދަނެކެވެ. ކަރަންޓު އުފެއްދުމާއި ބަލިތަކަށް ފަރުވާ ހޯދުމުގައި މިއީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް، މިއީ އިންސާނުންގެ ނުބައި ބޭނުންތަކަށް ބޭނުންކޮށްފިނަމަ މުޅި ދުނިޔެ ސުންނާފަތިކޮށްލުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ.





