ފީފާ މެޗްތައް ކުޅޭތަންތަން މަތިން ޑްރޯން ދުއްވުން މަނާ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތަކާއި، އެ މުބާރާތާ ގުޅުންހުރި ފޭން އިވެންޓްތައް ކުރިއަށްދާ ސަރަހައްދުތަކުގެ މަތިން ޑްރޯން ދުއްވުން މަނާކުރަން އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ނިންމައިފިއެވެ. މި ނިންމުމަކީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އެ އިދާރާއިން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ.

އެފް.އޭ.އޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، މެޗުތައް އޮންނަ ދުވަސްތަކުގައި ސްޓޭޑިއަމްތަކުގެ ވަށައިގެން ތިން ނޯޓިކަލް މޭލުގެ ސަރަހައްދެއްގައި އަދި ބިމުން ފެށިގެން 3،000 ފޫޓު އުސްމިނުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް، ހާއްސަކޮށް ޑްރޯން ދުއްވުމަކީ މަނާކަމެކެވެ. މި ސަރަހައްދުގައި އުޅަނދު ދުއްވޭނީ ހަމައެކަނި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. މީގެ އިތުރުން، ފޭން އިވެންޓްތައް ބާއްވާ ސަރަހައްދުތަކުގެ ވަށައިގެން އެއް ނޯޓިކަލް މޭލުގެ ސަރަހައްދެއްގައި 1،000 ފޫޓު އުސްމިނުގައި ޑްރޯން ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.

މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހުއްދަ ނެތި މިފަދަ ސަރަހައްދުތަކަށް ޑްރޯން ވައްދާ ފަރާތްތައް 100،000 ޑޮލަރާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން، ޖިނާއީ ދައުވާ އުފުލައި ޑްރޯން އަތުލާނެ ކަމަށް އެފް.އޭ.އޭ އިން އިންޒާރު ދީފައިވެއެވެ. ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެފް.ބީ.އައިގެ ޑްރޯން މޮނިޓާ ކުރާ ޓީމުތައް ވެސް ސްޓޭޑިއަމްތަކުގެ ކައިރީގައި ހަރަކާތްތެރިވާނެއެވެ.

ނިއުޔޯކް ސިޓީގެ ޕޮލިސް ކޮމިޝަނަރު ޖެސިކާ ޓިޝް ވިދާޅުވި ގޮތުގައި، ބޮޑެތި ހަރަކާތްތަކުގައި ޑްރޯންގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލުމަށް ފެޑަރަލް އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ބާރު މިހާރު ވަނީ ލިބިފައެވެ. އަދި ވޭތުވެދިޔަ މަސްތަކުގައި 6.5 މިލިއަން ޑޮލަރުގެ ޑްރޯން ހުއްޓުވާ އިކުއިޕްމަންޓް ގަނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ޑްރޯންތަކަކީ ހަނގުރާމައިގެ ހަތިޔާރަކަށް ފަސޭހައިން ބަދަލުކޮށްލެވިދާނެ އެއްޗެއް،" ކޮމިޝަނަރު ވިދާޅުވިއެވެ.

ކުޅިވަރުގެ ބޮޑެތި މުބާރާތްތަކާއި އެއާޕޯޓްތަކުގެ ކައިރީގައި މީގެ ކުރިން ވެސް ޑްރޯން ދުއްވުމުގެ ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޯލްޓިމޯގައި އޮތް އެން.އެފް.އެލް މެޗެއްގެ މަތިން ޑްރޯން ދުއްވި މީހަކަށް ދައުވާކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ބޮސްޓަން މެރަތަންގެ ނިންމާ ރޭހުގެ ކައިރިން ޑްރޯން ދުއްވި މީހެއްގެ ޑްރޯން ވައިގެ ތެރޭގައި ވަނީ ހިފަހައްޓާފައެވެ.

ހިއްސާ ކުރައްވާ!