ދިވެހިރާއްޖެއިން މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 11 ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، އެންމެ ފަހުން މި ބަލީގެ ދެ ކޭސް ރިޕޯޓްކޮށްފައިވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލޭ ސަރަހައްދުންނެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ވަނީ ޚާއްސަ އިލްތިމާސްތަކެއް ނެރެފައެވެ. އެގޮތުން ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ.
ހިމަބިއްސަކީ "މީސްލްސް ވައިރަސް" (ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ މޯބިލިވައިރަސް) ގެ ސަބަބުން ޖެހޭ، ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ގިނައިން ކުޑަކުދިންނަށް މި ބަލި ޖެހުނު ނަމަވެސް، ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހާގެ ގައިން ބިހިތައް ފެނުމުގެ 4 ނުވަތަ 5 ދުވަސް ކުރިންނާއި، ބިހިތައް ފެންނަތާ 4 ނުވަތަ 5 ދުވަސް ހަމަވަންދެން އެހެން މީހުންގެ ގަޔަށް ބަލި ފަތުރައެވެ. މި ބަލި ޖެހިފައިވާ މީހަކާއެކު އުޅޭ މީހުންނަށް ބަލި އެރުމުގެ ފުރުސަތު 90 އިންސައްތައަށް ބޮޑެވެ. ބަލި ފެތުރެނީ ބަލިމީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ދޫވާ ވައިރަސް ނޭވާލުމުގެ ޒަރިއްޔާއިން ހަށިގަނޑަށް ވާސިލުވެގެންނެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ހައްލަކީ ވެކްސިން ޖެހުމެވެ. ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގެ ދަށުން، ކުއްޖާގެ އުމުރުން 9 މަހުގައި ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކޮށްދޭ "އެމްއާރު" ވެކްސިން ދެއެވެ. އަދި މީގެ އިތުރުން "އެމްއެމްއާރު" ވެކްސިންވެސް ގަވާއިދުން ދެމުންގެންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.


