ވޯލްޑް ކަޕް މުބާރާތުގައި ބައިވެރިވުމާ މެދު އަދިވެސް ޔަޤީންކަމެއް ނެތް އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމުން، އެމެރިކާގެ ވިސާ ހޯދުމަށްޓަކައި ތުރުކީގައި ހުންނަ އެމެރިކާ އެމްބަސީއާ ޕާސްޕޯޓްތައް ޙަވާލުކޮށްފިއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖު ހުކުރު ދުވަހު ވިދާޅުވީ، އީރާނުން އަމަލުކުރަމުންދަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ އިރުޝާދުގެ މަތިން ކަމަށެވެ.
މަހްދީ ތާޖު ވިދާޅުވި ގޮތުގައި، އެމެރިކާ ވިސާގެ ކަންތައްތަކާ ބެހޭގޮތުން ފީފާއާއެކު މަޝްވަރާކުރުމުން، އެންމެހައި ޕާސްޕޯޓްތައް ތުރުކީގެ އަންކާރާގައި ހުންނަ އެމެރިކާ އެމްބަސީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޓީމުގެ ކުޅުންތެރިން ޓިހުއާނާއަށް ދަތުރުކުރަން ޖެހޭތީ، މިއަދު ނުވަތަ އެންމެ ލަސްވެގެން މާދަމާގެ ނިޔަލަށް ޕާސްޕޯޓްތައް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ހުރިހާ ވިސާއެއް އެއްވެސް މައްސަލައެއް ނެތް ގޮތުގައި ފުރިހަމައަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







