އިސްލާމޯފޯބިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކެނެޑާގެ މުސްލިމުން ސަރުކާރަށް ގޮވާލައިފި

ކެނެޑާގައި އިސްލާމްދީނާއި މުސްލިމުންނަށް ބިރުދައްކައި، ނަފުރަތު އުފެއްދުމުގެ އިސްލާމޯފޯބިއާ ޢަމަލުތައް  އިތުރުވަމުންދާތީ، އެކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި މުއައްސަސާތަކަށް އިޞްލާޙު ގެނައުމަށް ކެނެޑާގެ މުސްލިމުން ސަރުކާރަށް ގޮވާލައިފިއެވެ.

ކެނެޑާގެ މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްޢިއްޔާ، "ނޭޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް" (އެން.ސީ.ސީ.އެމް) އިން ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކެނެޑާގައި އިސްލާމޯފޯބިއާގެ މައްސަލައަކީ މުޖުތަމަޢުގައި ވަރަށް ބޮޑަށް މޫލާފައިވާ ނިޒާމީ މައްސަލައެއް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޖީ7 ގެ ޤައުމުތަކުގެ ތެރެއިން، މުސްލިމުންނާ ދެކޮޅަށްދޭ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ހަމަލާތައް އެންމެ ގިނައިން ރިޕޯޓްކުރާ ޤައުމަކީ ކެނެޑާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރިއެވެ.

މި ބަޔާނުގައި ބުނެފައިވާގޮތުން، ކެނެޑާ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފުރަތުގެ ޢަމަލުތައް ހުއްޓުވުމުގައި ވަނީ ނުކުޅެދިފައެވެ. ސަރުކާރުގެ ސިޔާސަތުތަކުގައި ހުރި މިފަދަ އުނިކަންކަން ބަޔާންކޮށް އެން.ސީ.ސީ.އެމް އިން ވަނީ ޚާއްޞަ ރިޕޯޓެއްވެސް ތައްޔާރުކޮށްފައެވެ. އަދި މުސްލިމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަވާބުދާރީވުން އިތުރުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.

2021 ވަނަ އަހަރުގެ ހިތާމަވެރި ހާދިސާ

ކެނެޑާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ނުރައްކާތެރިކަން ހަނދާންކޮށްދެމުން، އެ ޖަމްޢިއްޔާއިން ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު އޮންޓޭރިއޯގެ ލަންޑަން ސިޓީގައި މުސްލިމު ޢާއިލާއަކަށް ދިން ރަހުމުކުޑަ ހަމަލާ ފާހަގަކޮށްފައެވެ. އެ ހާދިސާގައި، މަގުމަތިން ހިނގާފައިދިޔަ އެއް ޢާއިލާއެއްގެ 5 މީހުންގެ ގައިގައި ގަސްތުގައި ކާރަކުން ޖައްސައި، އޭގެ ތެރެއިން 4 މީހަކު ވަނީ މަރާލާފައެވެ. މި ހަމަލާއިން ސަލާމަތްވީ އެންމެ 9 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ސަރުކާރުގެ ނިންމުމަށް ފާޑުކިޔުން

މުސްލިމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވަނީ، މިދިޔަ ފެބުރުއަރީ މަހު ބޮޑުވަޒީރު މާރކް ކާރނީގެ ސަރުކާރުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. ކެނެޑާ ސަރުކާރުން ވަނީ މީގެ ކުރިން އުފައްދާފައި އޮތް "އިސްލާމޯފޯބިއާއާ ދެކޮޅަށް މަސައްކަތްކުރާ ޚާއްޞަ މަންދޫބު" ގެ މަޤާމާއި، "ޔަހޫދީންނާ ދެކޮޅުވެރިވުން ހުއްޓުވުމަށް އައްޔަންކޮށްފައި ހުރި ޚާއްޞަ މަންދޫބު" ގެ މަޤާމު އުވާލާފައެވެ. އަދި އޭގެ ބަދަލުގައި އެ ދެ މަޤާމު އެއްކޮށްލައި، ހަމަހަމަކަމާއި އެންމެން ޝާމިލުކުރުމުގެ ސިޔާސަތަށް މަސައްކަތްކުރާ އާ އިސްތިޝާރީ މަޖިލީހެއްގެ ދަށަށް އެކަންކަން ވަނީ ބަދަލުކޮށްފައެވެ. މުސްލިމު ޖަމާޢަތްތަކުން ދެކޭގޮތުގައި މިއީ އިސްލާމޯފޯބިއާއާ ދެކޮޅަށް ކުރާ މަސައްކަތް ބަލިކަށިވެގެންދާނެ ނިންމުމެކެވެ.

ހިއްސާ ކުރައްވާ!