ކުރީގެ ރައީސްއަށް 30 އަހަރުގެ ޖަލު ހުކުމެއް

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސޮކް ޔޮލް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގުމާއި، ވެރިކަމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމުގެ ކުށް ސާބިތުވެ، 30 އަހަރަށް ޖަލަށްލުމަށް ސިއޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫން ކުއްލި ގޮތަކަށް އިއުލާންކުރެއްވި އަސްކަރީ ގާނޫނުތަކާ ގުޅިގެން ގައުމު ހަލަބޮލިވެ، އުފެދުނު ސިޔާސީ ބޮޑު ކާރިސާގެ ތެރެއިންއޭނާގެ މައްޗަށް އައި އިތުރު ހުކުމެކެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުތުރު ކޮރެއާގެ ވެރިރަށް ޕިއޮންޔަންގްގެ މަތިން ދެކުނު ކޮރެއާގެ އަސްކަރީ ޑްރޯންތައް އުދުއްސުމަށް ޔޫން އަމުރުކުރެއްވީ، އެއީ އަސްކަރީ ބޭނުމަކަށްވުރެ ބޮޑަށް، އަސްކަރީ ގާނޫނު އިއުލާންކުރުމަށް ބޭނުންވާ "ހުއްޖަތެއް" ހޯއްދެވުމުގެ މަގްސަދުގަ އެވެ.

"މި އަމަލަކީ ގައުމީ ދިފާއީ މަސްލަހަތާ އެއްވެސް ގުޅުމެއް ނެތް އަމަލެއް،" ކޯޓުގެ ބަޔާނުގައިވެ އެވެ. "މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަސްކަރީ ވަސީލަތްތައް އުތުރު ކޮރެއާއަށް ހާމަވެ، އަސްކަރީ ގާބިލުކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުޝްމަނުންގެ ހަމަލާތަކަށް ދެކުނު ކޮރެއާ ހުޅުވިގެން ދިޔަ." ހުކުމްގައި ވެއެވެ.

ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ފުރުއްވި ޔޫންގެ މައްޗަށް މި ހުކުމް އައިސްފައި މިވަނީ، އަސްކަރީ ގާނޫނު ހިންގަން އުޅުނު ކަމުގެ ކުށުގައި މީގެ ކުރިން ފެބްރުއަރީ މަހު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށެވެ.

ޔޫންގެ ވެރިކަން ނިމުމަކަށް އައީ ގާނޫނު އަސާސީއާ ޚިލާފުވި ކަމަށް ކަނޑައަޅައި، އެގައުމުގެ ގާނޫނު އަސާސީއާ ބެހޭ ކޯޓުން އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް، ލީ ޖޭ މިއުންގް އެވެ.

މިހާރު ވެސް ބަންދުގައި ހުންނެވި ޔޫންއަށް މި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތެވެ.

ހިއްސާ ކުރައްވާ!