މިއީ ތާރީޚު ދުށް އެންމެ އަޖައިބު ކުރުވަނިވި ޝަރީއަތުގެ މަޖިލީހެވެ. އިންސާނީ ތާރީޚުގައި ލިޔެވިފައިވާ އެންމެ އިންސާފުވެރި އެއް ޙުކުމެވެ. މިއީ ހަމައެކަނި ކުޑަކުދިން ނިންދަވަން ކިޔައިދޭ ވާހަކައެއް ނޫނެވެ. މިއީ ބޮޑެތި މީހުންގެ ހިތްތަކަށް ހޭލުންތެރިކަން ގެނެސްދޭނެ ފިލާވަޅެކެވެ.
މީލާދީން 93 ވަނަ އަހަރެވެ. މެދުތެރޭ އޭޝިއާގެ ސަމަރުޤަންދު ސިޓީ އޮތީ މުސްލިމުންގެ ލަޝްކަރުތަކުގެ ކުރިމަތީގައެވެ. މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވި މަޝްހޫރު ޞަޙާބީ، ޤުތައިބާ ބިން މުސްލިމް އަލްބާހިލީއެވެ. އެކަލޭގެފާނު އެ ރަށަށް ވަޑައިގަތީ، އެ ރަށުގެ އަހުލުވެރިންނާ މަޝްވަރާ ކުރުމަކާ ނުލައި، އަދި އިސްލާމްދީނަށް ދައުވަތު ދިނުމެއް ނެތި، ކުއްލިއަކަށް ހަމަލާ ދެއްވައިގެންނެވެ.
ހަނގުރާމައިގެ އުކުޅެއްގެ ގޮތުން އެކަލޭގެފާނު ހިތްޕުޅަށް އެރުއްވީ، މި ރަށް ދޫކޮށްލައިފިނަމަ، އެހެން ރަށްތައް ފަތަޙަ ކުރުމަށް ހުރަހަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން އިތުރު އިންޒާރަކާ ނުލައި ހަނގުރާމަކުރައްވައިގެން އެ ރަށް އެކަލޭގެފާނު ހިއްޕެވިއެވެ.

މި ހާދިސާއަށް 8 އަހަރު ފާއިތުވެއްޖެއެވެ. ކުއްލިއަކަށް، ސަމަރުޤަންދުގެ އަހުލުވެރިންގެ ތެރެއިން ދީނީ އިސްވެރިންތަކެއް،ފާދިރީން އިސްވެ، މުސްލިމުންގެ އޭރުގެ ޚަލީފާ އުމަރު ބިން ޢަބްދުލްޢަޒީޒުގެ އަރިހަށް ޝަކުވާގެ ސިޓީއެއް ފޮނުވިއެވެ. އެމީހުންގެ މަންދޫބު އަސްވާރަކު މަސް ދުވަހުގެ ދަތުރަކަށްފަހު އިސްލާމީ ޚިލާފަތުގެ ވެރިރަށް ދިމިޝްޤަށް ގޮސް، މީހުންގެ ގާތު ޚަލީފާގެ ގަނޑުވަރާ ބެހޭ ގޮތުން ސުވާލު ކުރަން ފެށިއެވެ.
ބައެއް މީހުންނަށް އެ ސުއާލު ވެގެން ދިޔައީ ޖޯކަކަށެވެ! އަނެއް ބަޔަކަށް ހީވީ އެއީ ސަމާސާއެއް ކަމަށެވެ!
އެއީ ޢުމަރު ބިން އަބްދުލްއަޒީޒެވެ! ނޭގުމެއްގައި ހުންނަވަނިކޮށް ބަޔަކު މީހުން އޭނާ މިސްކިތަށް ހާޒިރުކޮށް މިންބަރު މަތީގައި ބައިންދައި ބައިޢަތު ހިފީއެވެ. އަދި ދެ ޖުމުލައިގެ އިފްތިތާޙީ ތަޤްރީރެއް ދެއްވުމަށްފަހު މިންބަރުން ފައިބައި ވަޑައިގެން ގެއަށް ވަޑައި ގަތީއެވެ. އެހިނދު އުމަވީ ދައުލަތުގެ އިއްޒަތާ ގަދަރާ ގުޅޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ އަސްގާޑިއާއަށް ސަވާރުވެ ވަޑައިގަތުމަށް ގަނޑުވަރުގެ ޗެމްބަރލިން (ހާޖިބު) ދެންނެވިއެވެ!
"މަގޭ މިހިރަ ހިމާރު ތިއަށް ވުރެން މާ މާތްވާނެއެވެ! ތިޔަ ގާޑިޔާ މުސްލިމުންގެ ބައިތުލްމާލަށް ހަދިޔާ ކުރާށެވެ!" ޢުމަރު ބިން އަބްދުލްއަޒީރު ޗެމްބަރލިން ނޫނީ ޗީފް އޮފް ސްޓާފަށް ދެންނެވިއެވެ.
އެއަށްފަހު ޝާހީ ޕްރޮޓޮކޯލާ އެއްގޮތަށް ޚަލީފާ، އުމަވީ ގަނޑު ވަރަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުނެވެ.
"އެތާނގައި އެތިބީ އަބްދުލްމަލިކުގެ އައުލާދެވެ! އެމީހުން އެތާ ތިބިޔަ ދޭށެވެ! މަށަށް މަގޭ ގެއެވެ!" ޚަލީފާ އުމަރު ބިން އަބްދުލްއަޒީޒު ވަޑައިގަތީ އަމިއްލަފުޅު ގެއަށެވެ.
މިއަދު ސަމަރުޤަންދުގެ އަސްވާރު ހޯދަން މި އުޅެނީ އެ ގެއެވެ.
"އަހަރެމެންގެ ޚަލީފާއަކަށް ގަނޑުވަރެއް ނުހުރެއެވެ. އޭނާ އުޅުއްވަނީ އަމިއްލަ ގެކޮޅުގައެވެ." މީހުން އަސްވާރަށް ބުނެދިނެވެ.
ހައިރާން ކަމާއެކު އޭނާ އެގެއާ ދިމާއަށް މިސްރާބު ޖެއްސެވެ.
އެއީ އާދައިގެ ގެއެކެވެ. އެ އިރު އެ ގޭގެ ބޭރުގައި ހުރި ބާގަނޑުތައް ބެއްދުމަށް މީހަކު މަސައްކަތުގައި އުޅުނެވެ. އަދި އެމީހާއަށް އެހީވާން އަންހެނަކުވެސް އުޅުނެވެ.
މި މަންޒަރު ފެނިފައި ސަމަރްގަންދުން އައި މީހާ ހައިރާންވިއެވެ. އޭނާ ހައިރާން ކަމާއެކު ސުއާލު ކުރިއެވެ. މިއީ ޢުމަރު ބިން އަބްދުލްއަޒިޒުގެ ގެކޮޅު ތޯއެވެ؟
"އުމަރު ބިން އަބްދުލްއަޒީޒަކީ މިއީ" ފާރުގެ ބާގަނޑު ބައްދަން ހުންނެވި ސާހިބާ ވިދާޅުވިއެވެ.
އަސްވާރާ ސުއާލު ކުރެއްވުމުން ސަމަރުގަންދުގެ ޝަކުވާގެ ސިޓީ ޚަލީފާއަށް އެރުވިއެވެ.
އުމަރުގެފާނު އެ ސިޓީ ވިދާޅުވިއެވެ. ދެލޯފުޅުން ކަރުނަ ފޭބިއެވެ. ދެން އެ ސިޓީފުޅު އަނބުރާލެއްވުމަށްފަހު އޭގެ ފަހަތުގައި ދެ ފޮޅުވަތް ލިޔުއްވިއެވެ.
بسم الله الرحمن الرحيم. من عبد الله عمر إلى عامله بسمرقند النص قاضيا ينظر فيما ذكروا والسلام
'ބިސްމިﷲއެވެ. ﷲގެ އަޅު އުމަރުގެ ފަރާތުން ސަމަރުޤަންދުގައި ހުންނެވި ގަވަރުނަރަށެވެ. މި މައްސަލަ ބަލާނެ ޤާޟީއަކު އައްޔަން ކުރާށެވެ. ވައްސަލާމް.'
ދެން އެކަލޭގެފާނު ޚިލާފަތުގެ ތަތްގަނޑު އެ ސިޓީފުޅުގައި ޖެއްސެވުމަށްފަހު، އަސްވާރާ ހަވާލު ކުރެއްވިއެވެ.
އެ ލިޔުން ހިފައިގެން ދަމުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން، އެމީހާ އެއަށް ބަލަމުން ދިޔައެވެ. އޭނާ ހިތާހިތާ ބުންޏެވެ: 'މިއީ ކޮންފަދަ ލިޔުމެއް ހެއްޔެވެ؟ މިފަދަ ލިޔުމަކުން ވާނީ ކޮންކަމެއް ހެއްޔެވެ؟ ލަޝްކަރެއް ބޭރު ކުރެވޭނެ ހެއްޔެވެ؟
އެ ސިޓީ ލިބުމާއެކު ޝަރީއަތުގެ މަޖިލިސް ބާއްވާނެކަން އިއުލާން ކުރައްވައި ސަމަރްގަންދުގައި ޤާޟީ ޖަމީޢު ބިން ޙާޟިރު އަލްބާޖީ ދައުވާ ކުރާ ފާދިރީންނާއި ގަވަރުނަރު ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެއްވިއެވެ.

ދީނާއި، ދަރަޖައާއި، ނަސްލަށް ބެލުމެއްނެތި އެންމެން ހަމަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ އިއްވައި، ޝަރީއަތުގެ މަޖިލިސް ބޭއްވި ސަބަބު އިއުލާން ކުރެވުނެވެ.
ޝަރީއަތުގެ މަޖިލިސް ފެށުނީ އެވެ!
"ޤުތައިބާ ސަމަރުގަންދަށް ވެންނެވީ އެ ރަށުގެ މީހުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވުމެއް ނެތި، އަދި ޖިޒީ ދެއްކުމަށް ފުރުސަތެއް ދެއްވުމެއް ނެތި ކުއްލިއަކަށް ސިއްސުވާލަނިވި ހަމަލާ ދެއްވައި ރަށްފަހަތަ ކުރައްވައިގެންނެވެ." ދައުވާ ކުރާ ފާދިރީންގެ ފަރާތުން ޝަރީއަތުގައި އިއްވިއެވެ.
މިދައުވާއަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ޝަރީއަތުގެ މަޖިލީހުގައި އިންނެވީ ގަވަރުނަރުގެ ނާއިބެވެ. އެއިރު ޤުތައިބާ ވަނީ އަވަހާރަވެފައެވެ.
ޤާޟީ ޤުތައިބާގެ ނައިބާ ސުވާލު ކުރެއްވުމުން، ފާދިރީންގެ ދައުވާތަކަށް އޭނާ އިއުތިރާފްވެ ވަޑައިގަތެވެ!
އެހިނދު ޤާޟީ ޙުކުމް އިއްވެވިއެވެ!
"މުސްލިމުންގެ ހުރިހާ ލަޝްކަރަކާއި، މުސްލިމު ވެރިންނާއި، މުސްލިމު ރައްޔިތުން ވަގުތުން ސަމަރްގަންދުން ފޭބުމަށް ޙުކުމް ކޮށް އަމުރު ކުރަމު އެވެ. ސަމަރުގަންދުގެ ބިންތަކާއި ގެދޮރުތަކާއި ފިހާރަތައް އަނބުރާ އެ ރަށުގެ އަހުލުވެރިންނަށް ޙަވާލު ކުރާށެވެ. އެއަށްފަހު، އިންތިޒާރު ކުރާށެވެ! އެ ރަށު މީހުންނަށް އޮންނާނީ ތިން ގޮތެކެވެ. އެއީ، އިސްލާމްދީން ޤަބޫލުކުރުން، ނުވަތަ ޖިޒީ ދިނުން، ނުވަތަ ހަނގުރާމަކުރުމެވެ."
ގާޒީއަށް ފާޑު ކިޔުމެއް ނެތެވެ. އަދި ކޯޓުގެ ފުރާޅުން ޓިނު ނެގުމެއްވެސް ނެތެވެ! ސިޓިން ރޫމުން ކޯޓުގެ ބާރު ކަނޑުވާލުމަށް ގޮވާލުމެއްވެސް ނެތެވެ!
މި ޙުކުމް އިވުމާއެކު، މުސްލިމުން އެއްވެސް ދެކޮޅުވެރިކަމެއް ނެތި، އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އެ ރަށުން ފައިބަން ފެށިއެވެ.
ލަޝްކަރު ފައިބަމުން ދިޔަ މަންޒަރު ބަލަން ތިބި ސަމަރްގަންދުގެ ރައްޔިތުންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.
އެއްވެސް ޤައުމެއްގެ ވެރިއަކު، އެމީހުން ފަތަހަކޮށްފައިވާ ރަށަކުން، އިންސާފުގެ ނަމުގައި ފަހަތަށް ޖެހިވަޑައިގަންނަވާތީ އެމީހުން ދުވަހަކުވެސް ނުދެކެއެވެ. އަދި ބޯދާ ފުލޯކު ވާހަކައެއްގައިވެސް އެފަދަ ކަމެއް ހިނގާފައިވާތީ އަހާފައެއްވެސް ނުވެއެވެ.
ބަޔެއްގެ މި އިންސާފުވެރިކަން ފެނުމުން، އެމީހުންގެ ހިތްތަކަށް އަސަރުކޮށް، އެ ރަށުގެ ރައްޔިތުން އެއްބައިވަންތަކަމާއެކު އިސްލާމްދީން ޤަބޫލުކުރިއެވެ.
މިއީ ހަނގުރާމައިގެ ތޫނު ކަނޑިން ލިބުނު ފަތަހައެއް ނޫނެވެ. މިއީ އިސްލާމްދީނުގެ އިންސާފުން ލިބުނު ފަތަހައެކެވެ.
އިންސާފު ޤާއިމުކުރުމުގައި ކޮރަޕްޝަނާއި ނުލައި ނަމޫނާ ވެރިކަމެއް ކޮށްދެއްކެވި އަދުލުވެރި ޚަލީފާއެއްގެ ވެރިކަމުގައި އޭނާގެ ރައްޔިތުންގެ އަޚުލާގު ހުރި ގޮތެވެ.
އުމަރު ބިން ޢަބްދުލްޢަޒީޒްފަދަ ޢަދުލުވެރި ވެރިންގެ ވާހަކަ ތަކުރާރުވާނީ މަދުފަހަރެއްގައެވެ! މިއީ އަގުހުރި ފިލާވަޅެވެ.





