އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ، ސްޕޭސް އިންޓަނެޓްގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާ ވާދަކުރުމަށްޓަކައި، 1,600 ސެޓެލައިޓުގެ ވިއުގައެއް ލޯ އާތު އޯބިޓަށް ފޮނުވުމަށް ރާވައިފިއެވެ. އަމްބާނީގެ ޓެލެކޮމް ކުންފުނި "ރިލަޔަންސް ޖިއޯ" އިން ހިންގާ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، އިންޑިއާގެ މުވާސަލާތީ ނިޒާމު އިތުރަށް ވަރުގަދަކޮށް، އެމެރިކާގެ އިލޮން މަސްކްގެ "ސްޓާލިންކް" އާއި އެމެޒޯންގެ "އެމެޒޯން ލިއޯ" އާ ވާދަކުރުމެވެ.
މި ސެޓެލައިޓުތައް 650 ކިލޯމީޓަރުގެ އުސްމިނުގައި ހަރަކާތްތެރިވާނެއެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 10 ބިލިއަނުން 15 ބިލިއަން ޑޮލަރާ ދެމެދުގެ ޚަރަދެއް ހިނގާނެ ކަމަށް ބެލެވޭއިރު، މި މަސައްކަތް ފުރިހަމަ ކުރުމަށް ތިން އަހަރު ނަގާނެއެވެ.
މި މަސައްކަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމަށާއި، މިއީ އިންޑިއާގެ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް އިންޑިއާ ސަރުކާރުން ދެކެއެވެ. ޔޫކްރެއިން ހަނގުރާމައިގައި ސްޓާލިންކް ބޭނުންކުރި ގޮތުން، ބޭރުގެ ކުންފުނިތަކަށް ބަރޯސާވުމަކީ ނުރައްކަލެއް ކަމަށް އިންޑިއާއިން ގަބޫލުކުރެއެވެ. އެގޮތުން، ބޭރުގެ ކުންފުނިތަކުން ސެޓެލައިޓުތައް ދުރުން ކޮންޓްރޯލްކޮށް، މައުލޫމާތުތައް އިންޑިއާގެ ސިޔާދަތުން ބޭރުން ފޮނުވުމުގެ ފުރުސަތު އޮތުމަކީ އިންޑިއާއިން ކަންބޮޑުވާ ކަމެކެވެ.
އެހެންކަމުން، އަމްބާނީގެ މި ޕްލޭނަށް އިންޑިއާ ސަރުކާރުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ މަގްސަދަކީ ބޭރުގެ އުމްރާނީ ވަސީލަތްތަކަށް ބަރޯސާނުވެ، އަމިއްލަ މުވާސަލާތީ ވިއުގައެއް ގާއިމުކުރުމެވެ. މިހާރުވެސް ރަޝިޔާއިން ވަނީ އެމީހުންގެ އަމިއްލަ "ރަސްވެތު" ޕްރޮޖެކްޓުގެ ދަށުން ސެޓެލައިޓުތައް ލޯންޗުކޮށްފައެވެ.






