ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެޕްރަންގައި ކުރިއަށްދާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީނިއާ ޖެނެރަލް މެނޭޖަރު އަދި ރޭމްޕް ސާވިސަސްގެ ވެރިޔާ ޢަލީ ޝަރީފަށް ސިންގަޕޫރު އެއާލައިންސްގެ ޝަރަފުވެރި "ސީއީއޯ ސާވިސް އެކްސެލެންސް އެވޯޑު" ހަވާލުކޮށްފިއެވެ.
ސިންގަޕޫރުގެ "ދަ ސިންގަޕޫރު އެޑިޝަން" ހޮޓެލްގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަރީފަށް މި އެވޯޑު އަރުވާފައިވާއިރު، މިއީ އެ އެއާލައިންގެ އަހަރީ އެވޯޑު ހަފުލާގައި ބޭރު ގައުމެއްގެ ގްރައުންޑް ހޭންޑްލިން ބައިވެރިއަކަށް މިފަދަ އެވޯޑެއް ލިބުނު ނާދިރު ފަހަރެކެވެ.
މި އެވޯޑު ޝަރީފަށް އަރުވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރޭމްޕް އޮޕަރޭޝަންތަކަށް ދިމާވި ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވައި، ފްލައިޓުތައް ލަސްވުން މަދުކުރުމުގެ އިތުރުން ކާގޯ ހޭންޑްލިންއާ ގުޅޭގޮތުން ހިނގާ އެކްސިޑެންޓްތައް މުޅިން ހުއްޓުވުމަށް ކުރެއްވި ކާމިޔާބު މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
އޭނާ ތަޢާރަފުކުރެއްވި މުހިންމު އިޞްލާޙުތަކުގެ ތެރޭގައި، ކާގޯ އޮޕަރޭޝަންތަކުގައި ފޮޓޯ މެދުވެރިކޮށް މީހާގެ ވަނަވަރު ކަށަވަރުކުރުމުގެ ނިޒާމެއް ހަމަޖެއްސެވުން ހިމެނެއެވެ. ސޭފްޓީއަށް ގެނައި މި މުހިންމު ބަދަލާއެކު، ވެލކާނާ އެއާޕޯޓުގެ ކާގޯ ހޭންޑްލިންއާ ގުޅިގެން ހިނގާ ނުރައްކާތެރި ޙާދިސާތައް ވަނީ އެކީގައިހެން ހުއްޓުވިފައެވެ.
އޭގެ އިތުރުން، ގްރައުންޑް ހެންޑްލިންގ އޮޕަރޭޝަންތައް ލަސްވުމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ޝަރީފު ވަނީ އެއާޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޑެޑިކޭޓެޑް ޓާންއެރައުންޑް ކޯޑިނޭޓަރ ގެ ރޯލު އުފައްދަވާފައެވެ. މި ބަދަލާއެކު، ރޭމްޕްގައި ހަރަކާތްތެރިވާ ތަފާތު ޓީމުތަކުގެ މެދުގައި އޮތް މުއާސަލާތީ ހުރަސްތައް ނައްތާލެވި، ފްލައިޓުތައް ގަޑިއަށް ފުރާ މިންވަރު ވަނީ 86.1 އިންސައްތައިން 87.7 އިންސައްތައަށް މަތިކުރެވިފައެވެ.
ފްލައިޓުތަކުގެ އެތެރޭގެ ސާފުތާހިރުކަން މަތީ ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި، ސިންގަޕޫރުގެ ގްރައުންޑް ހޭންޑްލާ "ސެޓްސް" އާ ގުޅިގެން ކުރިއަށްގެންދިޔަ ބެންޗުމާކިން ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން، މަތިންދާބޯޓުތަކުގެ ކެބިން ސާފުތާހިރުކަމުގެ ރޭޓިން ވަނީ 86 އިން 91.6 އަށް މަތިކޮށްފައެވެ.
އެމްއޭސީއެލްގެ އެންމެ ބޮޑު ފްރަންޓްލައިން އޮޕަރޭޝަނަލް ޓީމު ކަމަށްވާ 900 މުވައްޒަފުންގެ އަދަދެއް ހިމެނޭ ރޭމްޕް ޓީމު މިހާރު މެނޭޖްކުރައްވަމުން ގެންދަވަނީ އަލީ ޝަރީފެވެ. އޭނާގެ ބެލުމުގެ ދަށުން ބޯޓު ޖެއްސުމާއި ފުރުމާ ދެމެދު ހިނގާ ކަންކަން ފަދަ ބެގެޖް ހޭންޑްލިން، ސާވިސިން، ތެޔޮ އަޅައިދިނުން އަދި ކާގޯ ޗެކްކުރުން ފަދަ އޮޕަރޭޝަންތައް ސީދާ ބަލަހައްޓަވައެވެ.
އޭވިއޭޝަން ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ޝަރީފު އެމްއޭސީއެލްއާ ގުޅިވަޑައިގެންނެވީ ސެޕްޓެމްބަރު 2008 ގައެވެ. ފްރަންޓްލައިން ރޭމްޕް އޮޕަރޭޝަންސް އޮފިސަރެއްގެ މަގާމުން މަސައްކަތް އަލަށް ފެއްޓެވި ޝަރީފު ވަނީ މި ދައިރާގައި ކުރިއެރުންތައް ހޯއްދަވައި، އިންޓަނޭޝަނަލް ގްރައުންޑް ހޭންޑްލިންގެ މަސްއޫލުވެރިޔާގެ މަގާމާއި، 2021 އިން 2023 އަށް ކުރިއަށްދިޔަ އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއާޕޯޓު ޓްރާންސިޝަން ގެ މަޝްރޫއުތައް ހިންގެވުމުގެ އިތުރުން ރޭމްޕް ޕްލޭނިން އެންޑް ޕާފޯމަންސްގެ ބައިވެސް އިސްކޮށް ބަލަހައްޓަވާފައެވެ.
ތަޢުލީމީ ގޮތުން ބައްލަވާއިރު، ޝަރީފަކީ އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވަސިޓީން އެވިއޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، 2024 ވަނަ އަހަރު ޒިކުރާ ކޮލެޖުން އެމްބީއޭ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އެމްއޭސީއެލްގެ މަސްއޫލިއްޔަތުތަކުގެ އިތުރުން، ރާއްޖޭގެ އެވިއޭޝަން ދާއިރާއަށް ބޭނުންވާ ކުރިއަރަމުން އަންނަ ޖީލު ތަމްރީނުކުރުމަށްޓަކައި އޭނާ އަންނަނީ ވިލާ ކޮލެޖުގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައިވެސް ކިޔަވައިދެއްވަމުންނެވެ.



