ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓެކްސީ ޖައްސާ ސަރަހައްދުގައި ކުނި ގިނަވެފައިވާ ކަމަށް ދައްކާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުންދާތީ، އެއީ މިހާރުގެ ފޮޓޯއެއް ނޫން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން އާދަވެގެން ކޮންމެ ދުވަހަކުވެސް އެއާ ޓެކްސީ ޖައްސާ ސަރަހައްދު ސާފުކޮށް ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި މޫސުން ހުންނަ ގޮތުން އެކި ދިމަދިމާއިން ކުނިތައް އޮޔާ އައިސް އެ ސަރަހައްދަށް ބައެއް ފަހަރު ޖަމާވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ކުނި ނެގުމުގެ މަސައްކަތާ ގުޅޭގޮތުން އެ ކުންފުނިން އިތުރަށް ބުނީ، އެގޮތަށް ކުނިތައް އެއްވާ ވަގުތުން ވަގުތަށް ކުނި ނެގުމުގެ މަސައްކަތް ނުހިނގި ނަމަވެސް، ކުނި ނެގުމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ގަވާއިދުން އެ ސަރަހައްދު ސާފުކުރަމުންދާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއާ ގުޅޭގޮތުން އެމްއޭސީއެލްގެ މަސްއޫލުވެރިޔަކު ވިދާޅުވީ، "އެއީ މިއަދުގެ ނުވަތަ މިހާރުގެ ފޮޓޯއެއް ނޫން" ކަމަށެވެ. އަދި އެއީ ކޮން ދުވަސްވަރެއްގެ ފޮޓޯއެއްކަން ސީދާ އެނގެން ނެތް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.



