ޝިއޯމީއާ ހެދި ޗައިނާގެ ޓެކްނޮލޮޖީގެ "ހުވަފެން" ފުނޑުފުނޑުވެއްޖެ

ޗައިނާގެ ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ފަތަހަ ކުރާނެ ކަމަށް އެތައް އަހަރެއް ވަންދެން ކުރަމުން އައި އުންމީދުތަކަށް ހީނަރުކަމެއް ލިބުނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޝިއޯމީ ކުންފުންޏަށް ކުރިމަތިވި ބޮޑު ވެއްޓުމުންނެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއިން ފެންނަނީ ޝިއޯމީގެ އިގުތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ މަންޒަރެވެ. ކުންފުނީގެ އާމްދަނީ 10.9 އިންސައްތަ ދަށަށް ގޮސް، 99.1 ބިލިއަން ޔުއާންއަށް ވެއްޓިފައިވާއިރު، ސާފު ފައިދާ ވަނީ 43.1 އިންސައްތަ ދަށަށް ގޮސްފައެވެ. ހޮންގް ކޮންގް ސްޓޮކް އެކްސްޗޭންޖުގައި ކުންފުނީގެ ހިއްސާގެ އަގު 50 އިންސައްތަ ދަށަށް ގޮސް، 800 ބިލިއަން ހޮންގް ކޮންގް ޑޮލަރުގެ މާކެޓް ވެލިއު ވަނީ ގެއްލިފައެވެ.

ޝިއޯމީގެ މި ވެއްޓުމުގެ އެންމެ ބޮޑު ސަބަބަކީ، އެ ކުންފުނިން އެތައް އަހަރެއް ވަންދެން ކުރަމުން އައި ކަންކަމެވެ. އެ ކުންފުނީގެ އުފެއްދުންތަކަކީ އަމިއްލަ އީޖާދުތަކެއްގެ ބަދަލުގައި، އެޕަލް އަދި ސެމްސަންގް ފަދަ ބޭރުގެ ކުންފުނިތަކުގެ ޑިޒައިންތައް "ކޮޕީ" ކޮށްގެން އުފައްދާފައިވާ ތަކެތި ކަމަށް އިންޖިނިއަރުން ފާހަގަކުރެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، 4,799 ޔުއާނަށް ވިއްކި "ޝިއޯމީ 17 މެކްސް" ފޯނެވެ. ފޯނުތައް ބަލައި ދިރާސާކުރާ އިންޖިނިއަރުންނަށް ފެނުނީ، އެ ފޯނަކީ އަގުހެޔޮ "ރެޑްމީ" ފޯނުތަކާ މުޅިން އެއްގޮތް، ހަމައެކަނި ބޭރުފުށުން ބަދަލުތަކެއް ގެނެސްފައިވާ އުފެއްދުމެއް ކަމެވެ.

ޝިއޯމީގެ އިލެކްޓްރިކް ކާރުތަކާމެދު ވެސް އާންމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ކާރުތަކުގައި ބްރޭކް އެޅުމުގެ މައްސަލަތަކާއި، އޭއައި އެސިސްޓެންޓްތައް ބޭނުން ނުކުރެވުމާއި، އަދި އިވެމް އަދި ޔޫސްޑް ކާރު ޑީލަރުންގެ މެދުގައި އެ ކާރުތަކަކީ "ވިއްކަން ދަތި، ކަމަށް ބުނެ އެކަހަރިކުރެވިފައިވާ ކާރުތަކެކެވެ.

މިއީ ހަމައެކަނި ޝިއޯމީގެ މައްސަލައެއް ނޫނެވެ. މިއީ ޗައިނާގެ ސިޔާސަތުތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލައެކެވެ. ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއެރުން ހޯދުމަށް ފްރީ އިންޓަނެޓާއި، ބައިނަލްއަގުވާމީ ގޮތުން ދިރާސާތައް ހިއްސާކުރުމުގެ ފުރުސަތު ބޭނުންވެއެވެ. ނަމަވެސް، ޗައިނާގެ "ގްރޭޓް ފަޔަރވޯލް" އާއި ސިޔާސީ ނުފޫޒުތަކުގެ ސަބަބުން މިނިވަންކަމާއެކު އީޖާދުތައް ކުރުމުގެ ޖާގަ ވަނީ ބަންދުވެފައެވެ.

ޗައިނާގެ މި ޓެކްނޮލޮޖީގެ ހައިބަތު މިހާރު މިވަނީ ރެނދުލާފައެވެ. ބޭރުގެ ކުންފުނިތަކުގެ ޓެކްނޮލޮޖީ "ވަގަށް ނަގައިގެން" ކުރިއަށް ދިއުމުގެ ސިޔާސަތަކީ ދެމެހެއްޓެނިވި ކަމެއް ނޫންކަން، ޝިއޯމީގެ މި ނާކާމިޔާބީން ސާފުވެގެން ދެއެވެ.

ހިއްސާ ކުރައްވާ!