އިންޑިއާއާއި ރަޝިޔާއިން "ބްރަމޯސް" މިސައިލްގެ ހައިޕަރސޮނިކް ވާޝަންތަކެއް އުފައްދަނީ

އިންޑިއާއާއި ރަޝިޔާ ގުޅިގެން ތަރައްގީކށްފައިވާ "ބްރަމޯސް" މިސައިލްގެ މުޅިން އާ، އަދި މާ ބާރުގަދަ ހައިޕަރސޮނިކް ވާޝަންތަކެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އިންޑިއާގައި ހުންނަވާ ރަޝިޔާގެ ސަފީރު ޑެނިސް އަލީޕޯވްއެވެ. ސަފީރު ވިދާޅުވި ގޮތުގައި، މިހާރު ތަރައްގީކުރަމުން އަންނަ އާ ވާޝަންތަކަކީ މިހާރު ބޭނުންކުރާ މިސައިލްތަކަށް ވުރެ ސައިޒުން ކުޑަ، އަދި ދުވެލި މާ ހަލުވި ހައިޕަރސޮނިކް މިސައިލްތަކެކެވެ. މިއީ އިންޑިއާގެ ސިފައިންގެ ހަމަލާ ދިނުމުގެ ގާބިލުކަން އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ. މިހާރު ބޭނުންކުރާ ބްރަމޯސް މިސައިލްތަކަކީ އަޑުގެ ސްޕީޑަށްވުރެ ތިން ގުނަ ހަލުވި މާޝް3 ދުވެލީގައި ދަތުރުކުރާ މިސައިލްތަކެކެވެ.

މި މިސައިލް އުފެއްދިތާ 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަލީޕޯވް ވަނީ މިދިޔަ އަހަރު ޕާކިސްތާނާ ދެމެދު ހިނގި ކުޑަ ކުޑަ އަސްކަރީ ކުރިމަތިލުންތަކުގައި ބްރަމޯސް މިސައިލްތަކުން ލިބުނު ފުރިހަމަ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އިންޑިއާއިން ވަނީ 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ބްރަމޯސް މިސައިލް ޕާކިސްތާނުގެ ވައިގެ ބޭސްތަކަށް އަމާޒުކޮށް ފޮނުވާފައެވެ.

ބްރަމޯސް ޕްރޮޖެކްޓަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޓެކްނޮލޮޖީ ހިއްސާކުރުމުގެ އެންމެ ވަރުގަދަ ނަމޫނާއެވެ. މި ގުޅުމުގެ ސަބަބުން، ހަމައެކަނި ގަތުން ވިއްކުމުގެ ވިޔަފާރިން އަރައިގަނެ، ގުޅިގެން އުފެއްދުމުގެ މަރުހަލާއަށް ދެ ގައުމު ވަނީ ވާސިލުވެފައެވެ.

މި ދާއިރާއިން ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަސައްކަތްތައް ކުރުމަށް ވަނީ ރޭވިފައެވެ:

  • ރަޝިޔާގެ އެސްޔޫ-57 ޕްލެޓްފޯމަށް ބިނާކޮށް ފަސްވަނަ ޖީލުގެ ފައިޓާ ޖެޓް އުފެއްދުން.
  • އެސް-400 ވައިގެ ދިފާއީ ނިޒާމުތައް އިންޑިއާގައި އުފެއްދުން.
  • އިންޑޯ-ރަޝިޔާ ރައިފަލްސް ޖޮއިންޓް ވެންޗަރގެ ދަށުން އޭކޭ-203 ރައިފަލް އުފެއްދުން.

ބްރަމޯސްގެ މަގުބޫލުކަން ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ އިތުރުވަމުންނެވެ. ފިލިޕީންސަށް ފުރަތަމަ މިސައިލް ޝިޕްމަންޓްތައް ފޮނުވާފައިވާއިރު، ވިއެޓްނާމާ އެކު ވެސް އިންޑިއާއިން ވަނީ މިސައިލް ސަޕްލައި ކުރުމުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި 2025-26 ވަނަ އަހަރު ބްރަމޯސް އެރޯސްޕޭސްގެ އާމްދަނީ 48.6 އިންސައްތަ އިތުރުވެފައިވާކަން ވެސް ރިޕޯޓުތަކުން ދައްކައެވެ.

ހިއްސާ ކުރައްވާ!