އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ވަގުތީ ފަހުމުނާމާ އެއްބަސްވުމުގެ ދަށުން ތެޔޮ ވިއްކުމަށް ލުއިތަކެއް ލިބުނު ނަމަވެސް، އީރާނުގެ އިގްތިސާދާއި ވިޔަފާރިއަށް ބައިނަލްއަގްވާމީ ފެންވަރުގައި އަޅާފައިވާ އެތައް ފިޔަވަޅުތަކެއް އަދިވެސް ދެމިއެބައޮތެވެ. މީގެ ތެރޭގައި އދ. އާއި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން އީޔޫ އިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހިމެނެއެވެ.
އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތައް
އދ. އިން އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުންނެވެ. 2006 އިން 2010 އާ ދެމެދު ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުތަކުގެ ދަށުން، ހަތިޔާރު އެތެރެކުރުން މަނާކުރުމާއި، ނިއުކްލިއަރ ހަރަކާތްތަކާ ގުޅުންހުރި މާއްދާތައް ފޯރުކޮށްދިނުން މަނާކުރުމާއި، ކުންފުނިތަކާއި ފަރުދުންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. މީގެ އިތުރުން، ނިއުކްލިއަރ ވޯހެޑް އުފުލޭ ޒާތުގެ ބެލިސްޓިކް މިސައިލް އުފެއްދުން ވެސް މަނާކުރެވުނެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް
1979 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދެއެވެ. ޚާއްސަކޮށް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެމެރިކާގެ މާލީ ވުޒާރާއިން ދަނީ މި ފިޔަވަޅުތައް އަޅަމުންނެވެ. އެމެރިކާގެ ރައީސަށް ތަންފީޒީ އަމުރުތަކުގެ ދަށުން ފަސޭހައިން ފިޔަވަޅުތައް އުވާލެވުނު ނަމަވެސް، ކޮންގްރެސްގެ ގާނޫނުތަކުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަކީ ދިގުލައިގެންދާނެ ކަމެކެވެ.
އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތައް
ޔޫރަޕިއަން ޔޫނިއަނުން ވަނީ 2012 ވަނަ އަހަރުން ފެށިގެން އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރުން މަނާކޮށް، މަރުކަޒީ ބޭންކުގެ މުދާ ހިފަހައްޓާފައެވެ. އަދި ބައިނަލްއަގްވާމީ މާލީ މުއާމަލާތްތަކަށް ބޭނުންކުރާ 'ސުވިފްޓް' ނިޒާމުން އީރާނުގެ ބޭންކުތައް ވަކިކުރުމުގެ ސަބަބުން އެ ގައުމުގެ މާލީ ނިޒާމު ވަނީ ދުނިޔެއާ ވަކިވެފައެވެ. މި އަހަރު އީރާނުން ހުރުމްޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އީޔޫއިން ވަނީ އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.
އީރާނުގެ ހިފަހައްޓާފައިވާ މުދަލާއި ފައިސާ
އީރާނުގެ އެތައް ބިލިއަން ޑޮލަރެއް ބޭރުގެ ބޭންކުތަކުގައި ހިފެހެއްޓިފައި ވެއެވެ. މިއީ މައިގަނޑު ގޮތެއްގައި ތެލާއި ގޭހުގެ ވިޔަފާރިން ލިބުނު އާމްދަނީއެވެ. މި ފައިސާ ހިފެހެއްޓިފައިވާ ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެޔާ، ޗައިނާ، ޖަޕާން، ލަކްޒަމްބަރގް، އަދި އިރާގު ހިމެނެއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މި މުދަލާއި ފައިސާ ބޭނުންކުރުމުގެ އެއްވެސް ގާބިލުކަމެއް އީރާނަށް މިވަގުތު ލިބިގެން ނުވެއެވެ.





