މޫސުމީ ބަދަލު: ޕާކިސްތާނުގެ ފެނުގެ މައްސަލަ އިންތިހާއަށް ބޮޑުވެއްޖެ

ޕާކިސްތާނުގެ ރާވަލްޕިންޑީގެ ބައެއް ސަރަޙައްދުތަކުގައި، މެންދުރުވުމުގެ މާކުރިން ފެން ލިބުން ހުއްޓެއެވެ. ކަރާޗީގައި، ފެން ޓޭންކަރުތައް ކައިރީގައި، އަވީގެ ހޫނުގަދަކަމުގެ ތެރޭގައި ޕްލާސްޓިކް ފުޅިތައް ހިފައިގެން ރައްޔިތުން ތިބެނީ އިންތިޒާރުގައެވެ؛ އެތަނުގައި ހަމަނުޖެހުންތައް އިތުރުވެ، ފެނުގެ ސަޕްލައި ދަނީ ދަށްވަމުންނެވެ. ސިންދު އަދި ބަލޫޗިސްތާނުގައި، ފެން ރައްކާކުރާ ތަންތަން ހިކި، ބިމުގެ އަޑީގައި ހުރި ފެނުގެ ފަށަލަތައް ދަނީ ހަލާކުވަމުންނެވެ. މިއީ މީގެ އަހަރެއް ކުރިން ތަޖުރިބާކާރުން އިންޒާރު ދީފައިވާ ކާރިސާއެކެވެ. މިއަދު އެ ކާރިސާ މިވަނީ ޙަޤީޤަތަކަށް ވެފައެވެ.

ޕާކިސްތާނުގެ ފެނުގެ މި ނާޒުކު ޙާލަތަކީ، އެ ޤައުމުގެ އިދާރީ ނިޒާމުގެ ބަލިކަށިކަމާއި، ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ދިހަ އަހަރުވީ އިހުމާލުގެ ނަތީޖާއެވެ. މިހާރުވެސް އިޤްތިޞާދީ ގޮތުން ހަމަނުޖެހުންތަކާ ކުރިމަތިލަމުންދާ ޕާކިސްތާނަށް، ފެނުގެ މި ކާރިސާއަކީ ދަނޑުވެރިކަމަށާއި، ޢާންމު ޞިއްޙަތަށާއި، ޤައުމީ ހަމަޖެހުމަށް އޮތް ބޮޑު ބިރެކެވެ.

ރާވަލްޕިންޑީ އާއި އިސްލާމްއާބާދުގެ ފެނުގެ މައްސަލައަކީ ޕާކިސްތާނުގެ މެނޭޖްމަންޓް ނިޒާމު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ އެންމެ ބޮޑު ހެއްކެވެ. 'ދަ އެކްސްޕްރެސް ޓްރިބިއޫން' ގެ ރިޕޯޓުތައް ބުނާގޮތުން، ރާވަލްޕިންޑީގެ ދުވާލަކަށް ބޭނުންވާ ފެނުގެ މިންވަރު 130 މިލިއަން ގެލަނަށް އަރައެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެވެނީ 70 މިލިއަން ގެލަން އެވެ. މިއީ 60 މިލިއަން ގެލަން ފެނުގެ ދަތިކަމެކެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އައު ޑޭމްތައް ހެދުމުގެ ވާހަކަ ދެއްކި ނަމަވެސް، ބިއުރޮކްރަސީގެ ތެރޭގައި ޖެހި، މަޝްރޫޢުތައް ވަނީ ހުއްޓިފައެވެ. ތަޖުރިބާކާރުން ބުނާގޮތުން، ޤައުމުގެ އާބާދީ އިތުރުވަމުންދާ ވަރާ އަޅާބަލާއިރު، މި މަޝްރޫޢުތައް ނިމޭއިރު އޭގެ ފައިދާ ކުރާނެ މިންވަރު ވަރަށް ކުޑައެވެ.

ޕާކިސްތާނުގެ ފެނުގެ ބޮޑު ބައެއް ހޭދަކުރަނީ ދަނޑުވެރިކަމަށެވެ. ނަމަވެސް، ފެން ބޭނުންކުރުމުގެ އުޞޫލުތައް ހުރީ ވަރަށް ދަށްކޮށެވެ. ބާވެފައިވާ ކެނަލްތަކާއި، ފެން ރައްކާކުރާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން އެތައް މިލިއަން ގެލަން ފެން ބޭކާރުވެއެވެ. އޭގެ އިތުރުން، ބިމުގެ އަޑީގެ ފެން ނަގާ މިންވަރު އިތުރުވުމަކީ ތިމާވެށީގެ ބޮޑު ބިރެކެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ޕާކިސްތާނަށް ކުރާ އަސަރު ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއިން ދައްކުވައިދިނީ، ޤައުމުގެ އިންފްރާސްޓްރަކްޗާ ކިހާ ބަލިކަށިތޯއެވެ. އިންޑިޔާ އާ ދެމެދު އޮތް ފެނުގެ މައްސަލަތަކާއެކު، ފެނަކީ މިހާރު ޕާކިސްތާނުގެ ޤައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެކެވެ.

ޕާކިސްތާނުގެ ފެނުގެ މި ކާރިސާއަކީ ދުރުގައި އޮތް މައްސަލައެއް ނޫނެވެ؛ މިއީ ޙަޤީޤީ ވަގުތުގައި، ޕާކިސްތާނުގެ ޢާންމު ދިރިއުޅުމަށާއި އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ހިއްސާ ކުރައްވާ!