ވިކްޓޯރިއާގެ މަސްޖިދުލް އީމާންގެ އިމާމަށް ހަމަލަ ދީފި

ކެނެޑާގެ ވިކްޓޯރިއާގައި ހުންނަ މިސްކިތެއްގެ އިމާމަކަށް ރޭ ދިން ހަމަލާއެއް މުސްލިމް ޖަމިއްޔާތަކުންނާއި ކެނެޑާގެ ކަލްޗާ މިނިސްޓަރު މާކް މިލާ ކުށްވެރިކޮށްފިއެވެ. މިލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިނގައިދިޔަ މި ހަމަލާއަކީ ވަރަށް ނޭދެވޭ އަދި އަނިޔާވެރި އަމަލެއް ކަމަށާއި، ކެނެޑާގައި މިފަދަ އަނިޔާވެރިކަމަކަށް އަދި އިސްލާމްފޯބިއާއަށް ޖާގައެއް ނޯންނާނެ ކަމަށެވެ.

ބީސީ މުސްލިމް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިކްޓޯރިއާގެ މަސްޖިދުލް އީމާންގެ އިމާމް އިބްރާހިމް އަލީއަށް އެ ރޭ ހަމަލާ ދީފައިވަނީ އެ ސިޓީގެ މެދުތެރޭގައި ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން، އިމާމް ނަމާދަށްފަހު ގެއާ ކައިރީގައި އޮތް އޭނާގެ ކާރުގައި އިންނަވަނިކޮށް، މީހަކު އައިސް ކާރު ބަލަމުންދާކަން ފާހަގަކުރެވުނެވެ. އިމާމް އިބްރާހިމް ކާރުގެ ތެރޭގައި އިންނެވިކަން އަދި އޭނާ އިސްލާމީ ހެދުމެއްގައި ހުންނެވިކަން ފާހަގަކުރެވުމާއެކު، އެ މީހާ ކާރުގެ ދޮރު ހުޅުވަން މަސައްކަތްކޮށް، އިމާމަށް ހަމަލާ ދީފައިވެއެވެ.

އަމިއްލަ ނަފްސު ދިފާއުކުރުމަށް އިމާމް ކުރެއްވި މަސައްކަތުގެ ތެރޭގައި ދެ މީހުންގެ ދެމެދުގައި ޖިސްމާނީ ކުރިމަތިލުމެއް ހިނގިއެވެ. މި ކުރިމަތިލުމުގެ ތެރޭގައި އެ މީހާ ވަނީ އިމާމާ ދިމާލަށް ނަފްރަތު އުފެދޭ ވާހަކަތައް ބުނެ، "އަމިއްލަ ގައުމަށް އެނބުރި ދާން" ގޮވާލާފައެވެ.

އެ ހަމަލާއަށްފަހު އެ މީހާ އެ ސަރަހައްދުން ފިލި ނަމަވެސް، އިމާމް ވަނީ 911 އަށް ގުޅައި، ފުލުހުންނަށް މައުލޫމާތު ދިނުމަށްފަހު އެ މީހާ ފަހަތުން ގޮސްފައެވެ. ފަހުން ފުލުހުން ވަނީ އެ މީހާ ހޯދައި ހައްޔަރުކޮށްފައެވެ.

ބީސީ މުސްލިމް އެސޯސިއޭޝަންގެ ތަރުޖަމާނު މުހައްމަދު އިމްތިޔާޒް އާސީން ވިދާޅުވީ، އިމާމަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ކުދި އަނިޔާތަކެއް ލިބުނު ކަމަށެވެ. މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހަމަލާއާ ގުޅޭ އިތުރު މައުލޫމާތެއް ހޯދުމަށް ފުލުހުންނަށް ހުށަހެޅުމުން އަދި އެއްވެސް ޖަވާބެއް ލިބިފައިނުވެއެވެ.

ނޭޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އިސްލާމްފޯބިއާ އިތުރުވަމުންދާ ކަމުގެ ނުރައްކާތެރި ހެއްކެއް ކަމަށެވެ. މިފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށް ސިޔާސީ ލީޑަރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް އެ ކައުންސިލުން ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!