azhar
azhar

އަލްއަޒްހަރުން ޤުރުއާން ހިތުދަސްކުރި ޒުވާން ދަރިވަރުންގެ އަގުވަޒަންކޮށްފި

މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޤުރުއާން ހިތުދަސްކުރި އަދި ރީތިކޮށް ޤުރުއާން ކިޔެވި ގިނަ އަދަދެއްގެ ޒުވާން ދަރިވަރުންތަކެއް ޤާހިރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަގުވަޒަންކޮށްފިއެވެ.

ޤުރުއާން ހިތުދަސްކުރުމާއި ރީތިކޮށް ކިޔެވުމުގެ ދާއިރާއިން މޮޅު ހުނަރު ދެއްކި އައު ޖީލެއްގެ ޒުވާން ދަރިވަރުންގެ އަގުވަޒަންކުރުމަށް މި ރަސްމިއްޔާތު ބާއްވާފައިވަނީ، 18 އަހަރުން ދަށުގެ ގިނަ ބަޔަކު ބައިވެރިވި ޤައުމީ ފެންވަރުގެ މުބާރާތަކަށް ފަހުގައެވެ.

މި އިވެންޓް އިންތިޒާމުކޮށްފައިވަނީ ވޯލްޑް އޮގަނައިޒޭޝަން ފޯ އަލްއަޒްހަރު ގްރެޖުއޭޓްސް އާއި، ނޭޝަނަލް އެލައަންސް ފޯ ސިވިލް ޑިވެލޮޕްމަންޓް ވޯކްގެ ބައެއް ކަމަށްވާ އަބޫ އަލްއައިނައިން ފައުންޑޭޝަން ގުޅިގެންނެވެ.

މުބާރާތުން މޮޅުވި ފަރާތްތައް ހޮވާފައިވަނީ ޤުރުއާން ހިތުދަސްކުރުމުގެ ފުރިހަމަކަމާއި، ތަޖްވީދުގެ ހަމަތަކަށް ބަލައިގެން ކުރިއަށް ގެންދިޔަ ހަރުކަށި އިމްތިހާނުތަކަކަށް ފަހުގައެވެ. މިއިން ބައިވެރިން ވަޒަންކޮށް ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ މަތީ ފެންވަރުގެ ހުނަރު ފެނިގެންދިޔައެވެ.

މި ރަސްމިއްޔާތުގައި އަލްއަޒްހަރު ޔުނިވަރސިޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް އަލްހުދުހުދު އާއި، ކައުންސިލް އޮފް ސީނިއަރ ސްކޮލާސްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުލް ދާއިމް ނުސައިރު އަދި ފައުންޑޭޝަންގެ ނައިބު ރައީސް ޑރ. ފައިރޫޒް އަބޫ އަލްއައިނައިން އާއެކު އިލްމީ އަދި މަޝްހޫރު ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގެ އޮފިޝަލުންނާއި އިންތިޒާމުކުރި ފަރާތްތަކުން ދަރިވަރުން ދެއްކި ސާބިތުކަމާއި އަޚްލާޤަށް ތައުރީފުކޮށް، ތައުލީމުގެ ތެރެއިން ޒުވާނުންގެ ހުނަރު ތަރައްޤީކުރުމާއި ރަނގަޅު އަޚްލާޤު ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މުހައްމަދު އަބޫ އަލްއައިނައިންގެ ލީޑަޝިޕްގެ ދަށުން، މިޞްރުގެ ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށާއި އަލްއަޒްހަރުގައި ކިޔަވާ ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އެހީތެރިވުމުގައި އެ ފައުންޑޭޝަނުން އަދާކުރާ ދިގު މުއްދަތުގެ ދައުރު ފާހަގަކުރިއެވެ.

މުބާރާތުގެ ބައިވެރިން ބުނީ، މި މުބާރާތަކީ އެކުދިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، މިއީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކޮށް، ޤިރާއަތާ އޮތް ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.

އަލްއަޒްހަރުން ވަނީ މިޞްރުގެ އެކި ސިޓީތަކުގައި އަލްއަޒްހަރުގެ ޤުރުއާން ހިތުންދަސްކޮށްދޭ އިންސްޓިޓިއުޓްގެ އައު 70 އައު ގޮފި ހުޅުވާކަންވެސް އިއުލާނުކޮށްފައެވެ.

މި އައު ގޮފިތައް ހުޅުވާފައިވަނީ ދުރުގައި ތިބެގެން ޤުރުއާން ހިތުދަސްކުރުމަށް ތައާރަފުކުރި ބައިނަލްއަޤްވާމީ ޕްލެޓްފޯމަށް ލިބުނު ކާމިޔާބީއަށްފަހު، އެފަދަ ގޮފިތައް ނެތް ސަރަހައްދުތަކުގައި ސީދާ ތައުލީމު ބޭނުންވާ ފަރާތްތަކުގެ ބޭނުންތައް ފުއްދުމަށް ކަމަށް އިންސްޓިޓިއުޓުން ބުނެއެވެ.

މިކަމުގެ މަޤްޞަދަކީ އެ ސަރަހައްދުތަކުގެ އާންމު ރައްޔިތުންނަށް ޤުރުއާން ހިތުދަސްކުރުމާއި ދީނީ މައުލޫމާތު ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.

މި ގޮފިތައް ހުޅުވުމަކީ އަލްއަޒްހަރުގެ އިމާމް ޑރ. އަހްމަދު އައްތައްޔިބުގެ އިރުޝާދުގެ ދަށުންނެވެ. އަރަބި ޤައުމުތަކުގައިވެސް އަލްއަޒްހަރުގެ ޤުރުއާން ގޮފިތައް ތަރައްޤީކުރުމަށް ޑރ. އަހްމަދު އައްތައްޔިބު ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. އަދި މިއީ އަލްއަޒްހަރުގެ މެދުމިނުގެ ފިކުރާއި އައު ސިޓީތަކާ ގުޅުވައިދޭ ބްރިޖެކެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނީ ޢިލްމުތަކުގެ ދާއިރާއިން ހަރުކަށި ފިކުރެއް ނެތް، މޮޅު ތަޢުލީމީ ޚިދުމަތްތަކެއް ފޯރުކޮށްދޭން. އަދި އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޑަކުދިން ހަރުކަށި ފިކުރުން ރައްކާތެރިކުރަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މިތަންތަނުގެ މަންހަޖު ބިނާވެފައި ވަނީ އަލްއަޒްހަރުގެ ޤުރުއާން ހިތުންދަސްކޮށްދޭ އިންސްޓިޓިއުޓްގައި ގެންގުޅޭ ފެންވަރާއި ޤަވައިދުތަކާ އެއްގޮތަށެވެ.

ހިއްސާ ކުރައްވާ!