ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާ ގުޅޭ މައްސަލަތައް ހައްލުކުރުން ސޫރިޔާއާ ހަވާލުކުރަން ފެންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވިދާޅުވުމާ ގުޅިގެން ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. ފްރާންސްގައި ބޭއްވި ޖީ7 ސަމިޓްގެ ހަވާސާގައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލުން ލުބުނާނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ހިޒްބުﷲގެ މައްސަލަ ހައްލުކުރުމުގައި ސޫރިޔާއަށް މާ ރަނގަޅަށް އެކަން ކުރެވޭނެ ކަމަށާއި، އެކަމާ ގުޅޭގޮތުން ސޫރިޔާގެ ރައީސް އަހުމަދު އަލް-ޝަރުއާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ސޫރިޔާގެ ރައީސް އަހުމަދު އަލްޝަރުއު ވަނީ ލުބުނާނަށް އަސްކަރީ ގޮތުން ސޫރިޔާއިން ވަންނަން ނޫޅޭ ކަމަށާއި، ޓްރަމްޕްގެ ބަސްމަގު މާނަކުރެވުނީ އޮޅިގެން ކަމަށް ވިދާޅުވެފައެވެ. އަލްޝަރުއު ވިދާޅުވީ ސޫރިޔާގެ މަގުސަދަކީ ހަނގުރާމަ ހުއްޓުވުމާއި، ލުބުނާނުގެ ދައުލަތް ބާރުގަދަކޮށް، މަޝްވަރާގެ ތެރެއިން ހައްލެއް ހޯދުން ކަމަށެވެ. ލުބުނާނުގެ މަސްލަހަތާއި ހަމަޖެހުމަށްޓަކައި ހިޒްބުﷲއާ އެކު ވެސް މަޝްވަރާކުރަން ސޫރިޔާ ތައްޔާރު ކަމަށް ރައީސް އަލްޝަރުއު ވަނީ ހާމަކުރައްވާފައެވެ. ސޫރިޔާ ބޭނުންވަނީ ލުބުނާނާ އެކު އަސްކަރީ ގުޅުންތަކަށް ވުރެ ބޮޑަށް އިގްތިސާދީ ގޮތުން ގުޅިގެން މަސައްކަތްކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
ލުބުނާނުގެ ހަމަނުޖެހުމުގެ ތެރެއަށް ސޫރިޔާގެ ސިފައިން ވައްދަން ޓްރަމްޕް ބޭނުންވީ ސަރަހައްދީ ހަމަނުޖެހުން އިތުރު ކޮށް، ލުބުނާނުގެ އެތެރޭގެ ހަމަނުޖެހުން ބޮޑުކޮށް އިސްރާއީލަށް ފައިދާ ހޯދައި ދިނުމަށެވެ. އެހެންކަމުން ސޫރިޔާގެ މިހާރުގެ ލީޑަޝިޕުން އިސްކަންދެނީ އަސްކަރީ ނުފޫޒަށް ވުރެ ބޮޑަށް، މަޝްވަރާގެ ތެރެއިން މައްސަލަ ހައްލުކުރުމަށް ކަމަށް ޓްރަމްޕަށް އަންގާފައި ވެއެވެ.







