އުތުރު ކެލިފޯނިއާގެ ލައިބްރަރީއެއްގައި ބަޑިޖެހައި މީހަކު ދެ މީހަކު މަރާލައި އިތުރު މީހަކު ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:00 ޖެހިފަހުން، ސެކްރަމެންޓޯގެ އުތުރުން 90 މޭލު ދުރުގައި އޮންނަ ޗިކޯ ސިޓީގެ ބިއުޓް ކައުންޓީ ލައިބްރަރީ ގައެވެ.
ޗިކޯ ޕޮލިސް ޑިޕާޓްމަންޓުގެ ޗީފް ބިލީ އަލްޑްރިޖް ވިދާޅުވި ގޮތުގައި، ހާދިސާ ހިނގި ވަގުތު ލައިބްރަރީ ހުޅުވާފައި ހުރުމުން އެތަނުގައި ގިނަ ބަޔަކު ތިއްބެވެ. ފުލުހުން އެތަނަށް ދިޔައިރު ބަޑީގެ އަޑާއި ހަޅޭކުގެ އަޑު އިވެމުން ދިޔަކަމަށާއި، ފުލުހުން އެތަނަށް ވަނުމުން ހަމަލާދިން މީހާ ލައިބްރަރީގެ ފަހަތު ދޮރުން ފިލަން މަސައްކަތްކުރި ނަމަވެސް، ފަހަތުގައި ތިބި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
މި ހާދިސާގައި ކުޑަކުއްޖަކަށް ވެސް ކުދި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވި މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ޗީފް އަލްޑްރިޖް ވިދާޅުވީ، ހަމަލާދިން މީހާ އަމަލުކުރީ އެކަނި ކަމަށް ބެލެވޭ ކަމަށާއި، މިހާރު އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ލައިބްރަރީ ހުންނަ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ މަރުކަޒެއް ގާއިމުކުރިއެވެ. ބިއުޓް ކައުންޓީން ވަނީ މި ހިތާމަވެރި ހާދިސާގައި އަސަރުކުރި ހުރިހާ ފަރާތްތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި އަންގާރަ ދުވަހު ބިއުޓް ކައުންޓީގެ ހުރިހާ ލައިބްރަރީއެއް ބަންދުކުރަން ވަނީ ނިންމާފައެވެ.








