އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ އަންގާރަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފިއެވެ. ރުބިއޯ މި ސަރަހައްދަށް މި ކުރައްވާ ދަތުރުގައި ޔޫއޭއީގެ އިތުރުން ކުވައިތާއި ބަހްރައިނަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އީރާނާއެކު އެމެރިކާއިން ކުރިއަށް ގެންދާ މަޝްވަރާތަކާ ގުޅޭގޮތުން ގަލްފުގެ ޤައުމުތަކުގެ ކަންބޮޑުވުންތައް އަޑުއެހުމާއި އެ ޤައުމުތަކުގެ ޚިޔާލު ހޯދުމެވެ.
އަބޫދާބީ އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރުބިއޯ ވިދާޅުވީ، މި ދަތުރުގައި އޭނާ އިސްކަންދެއްވާނީ ގަލްފުގެ ޤައުމުތަކުގެ ވާހަކަތައް އަޑުއެހުމަށް ކަމަށެވެ. އަދި އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެ ޤައުމުތަކުގެ ސަލާމަތީ އަދި އިޤްތިޞާދީ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ ޤައުމުތަކަކީ އެމެރިކާގެ ސްޓްރެޓެޖިކް ބައިވެރިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތިން ދުވަހުގެ މި ދަތުރުގެ ތެރޭގައި ރުބިއޯ ގަލްފު އެއްބާރުލުމާ ބެހޭ މަޖިލީހުގެ (ޖީސީސީ) އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެއެވެ. އީރާނާއެކު ކުރެވޭ މަޝްވަރާތަކާ ގުޅޭގޮތުން ރުބިއޯ ވިދާޅުވީ މަސައްކަތްތައް ރަނގަޅު މިސްރާބަކަށް ދާ ކަމަށާއި ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ރަނގަޅު ބިންގަލެއް އެޅިފައިވާ ކަމަށެވެ. ނަމަވެސް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި އީރާނުގެ މިސައިލް ޕްރޮގްރާމާއި އެ ޤައުމުން ސަރަހައްދުގެ އެކި ގްރޫޕުތަކަށް ދޭ އެހީތެރިކަމުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވޭނެ ކަމަށް ރުބިއޯ ވިދާޅުވިއެވެ. އީރާނުގެ ވާގިވެރިން އިރާޤުން މިސައިލާއި ޑްރޯން ފޮނުވައި، ހަމާސް އާއި ހިޒްބުالله ފަދަ ޖަމާއަތްތަކުން ހަނގުރާމަވެރި އަމަލުތައް ހިންގާހާ ހިނދަކު ސަރަހައްދުގައި ހަމަނުޖެހުންތައް މުޅިން ނިމުމަކަށް ގެނައުމަކީ ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ އުދުވާނާ ބެހޭ ގޮތުން އޭނާއަށް އެއްޗެއް ވިދާޅުވންް ކެރިވަޑައެއް ނުގަތެވެ.
އީރާން އަލުން ބިނާކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހެދުމަށް ގަލްފުގެ ޤައުމުތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރައްވާނެތޯ ސުވާލުކުރުމުން، ރުބިއޯ ވަނީ އެފަދަ ކަމަކަށް އެދިފައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ މުސްތަޤްބަލުގައި ވެދާނެ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.






