ބިރު ދެއްކުމުން ރެޖައިނާ މިސްކިތުން ގޮވާ ބަންގި ވަގުތީ ގޮތުން މެދުކަނޑާލައިފި

ކެނެޑާގެ ސަސްކެޗުވަން ޕްރޮވިންސްގެ ރެޖައިނާ ސިޓީގައި ހުންނަ "ރެޖައިނާ ސިޓީ ޖާމިއާ މަސްޖިދު" އިން ކޮންމެ ހުކުރު ދުވަހަކު ގޮވަމުން އައި ބަންގި، އިންޒާރުތަކާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިސްކިތުން ވަނީ ހަފުތާއަކު އެއްފަހަރު، ހުކުރު ދުވަހުގެ މެންދުރު ގަޑީގައި 3 މިނެޓުގެ ބަންގިއެއް ސްޕީކަރުތަކުން ގޮވުމަށް ސިޓީ ކައުންސިލުގެ ހުއްދަ ހޯދާފައެވެ. މި ހުއްދަ ޖުލައި 10 އާ ހަމައަށް ދެމިއޮންނާނެއެވެ.

ބަންގި ގޮވަން ފެށުމާއެކު ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުން ގިނަ އިންޒާރުތަކެއް ލިބުނު ކަމަށް މިސްކިތުގެ ޑިރެކްޓަރު އެމް. އަނީސުރު ރަހްމާން ވިދާޅުވިއެވެ. މި އިންޒާރުތަކާ ގުޅިގެން މުސްލިމް މުޖުތަމައުގެ މީހުން ކަންބޮޑުވުން ފާޅުކޮށް، ބަންގި ގޮވުން މަޑުޖައްސާލުމަށް އެދުމުން އެގޮތަށް އަމަލުކުރީ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެން މިތިބީ މައިނޯރިޓީއެއްގެ ގޮތުގައި، އެހެންކަމުން އަޅުގަނޑުމެންނަށް ރައްކާތެރިކަމުގެ އިހުސާސެއް ނުކުރެވޭ،" ރަހްމާން ވިދާޅުވިއެވެ. އަދި ނަފުރަތު ފެތުރޭ ކޮމެންޓްތަކުގެ ސަބަބުން މި މައްސަލާގައި އިތުރު މަޝްވަރާތައް ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިސްކިތުން ރާވަމުންދަނީ މިސްކިތް ކައިރީގައި ހުރި ވިޔަފާރިތަކާއި ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް ސާވޭއެއް ކުރުމަށެވެ. މުޖުތަމައުއަށް މިކަމުން ނޭދެވޭ އަސަރުކުރާނަމަ، އެކަން ކުރިއަށް ނުގެންދިއުމަށް މިސްކިތުން އިސްކަންދޭނެ ކަމަށާއި، އެއީ މުސްލިމުންނާއި މުސްލިމް ނޫން ފަރާތްތަކުގެ ވެސް އިހުތިރާމު ހިފެހެއްޓުމުގެ ގޮތުން ކަމަށް ރަހްމާން ވިދާޅުވިއެވެ.

ކެނެޑާގައި ދީނީ މިނިވަންކަން އޮތްކަން ފާހަގަކުރައްވައި ރަހްމާން ވިދާޅުވީ، "އަޅުގަނޑުމެން މިތިބީ އެއްވެސް ބަޔަކު ދަށްކޮށްލާކަށް ނޫން، އަޅުގަނޑުމެންގެ ދީން ފުރިހަމަކުރަން. ކެނެޑާގައި އަޅުގަނޑުމެންނަށް އަމިއްލަ ދީނަށް އުޅުމުގެ ފުރިހަމަ މިނިވަންކަން އެބައޮތް،" ކަމަށެވެ.

މި މައްސަލަ ޖުލައި 10 ގައި ފުލުހުންނާއި ސިޓީގެ އޮފިޝަލުން އަލުން މުރާޖައާ ކުރާނެއެވެ.

ހިއްސާ ކުރައްވާ!